20 ސެޕްޓެމްބަރ 2024 - 16:08

ރާއްޖެއިން ބޭރުން އައި އުމުރުން ދުވަސްވީ ދިވެއްސެއް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ފެނިއްޖެ އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ ހޯމަ ދުވަހު ސްރީލަންކަން އެއާލައިންސް އިން އައި 65 އަހަރުގެ ދިވެހި ފިރިހެނެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އެއީ 349 ގްރާމްގެ ޑްރަގެވެ.
މީގެ އިތުރުން މިދިޔަ ބުދަ ދުވަހު ރާއްޖެ ގެނައި އެއާކާގޯ ޝިޕްމަންޓަކާއި ޕޯސްޓް ޕެކޭޖަކުން ވެސް މަސްތުވާތަކެތި ފެނުނު ކަމަށް ބުންޏެވެ.
އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު ހެރޮއިން، ސިންތެޓިކް ކެތިނޯން، ކެނަބިސް އަދި އެކްސްޓަސީއަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
އެ ފިރިހެން މީހާ ފާސްކުރިއިރު 349 ގްރާމްގެ ހެރޮއިން ފެނިފައިވެ އެވެ. ޕޯސްޓުން ގެނައީ 582 ގްރާމްގެ ސިންތެޓިކް ކެތިނޯން އެވެ.
ކެނަބިސް އަދި އެކްސްޓަސީއާ އެކު، ޖުމްލަ އެ ތަކެތީގެ ބަރުދަނުގައި ނުވަ ކިލޯ ހުރި ކަމަށް އެ އިދާރާއިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެ މައްސަލަ ތަހުގީގުކުރަން އެ ފިރިހެން މީހާ އަދި އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.