20 ސެޕްޓެމްބަރ 2024 - 13:44

ހދ. ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިއަދު ވަޅުލަން ނިންމައިފި އެވެ.
ކުޅުދުއްފުށީ އުތުރު ބަނދަރުގެ ފަޅު ތެރޭގައި އެ ރަށު ޑޭޒީފެހި، މުހައްމަދު ހަސަން މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 8:30 ހާއިރު އެވެ.
ނަމަވެސް، އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ޕޯސްޓުމޯޓަމް ހެދުމަށް މިދިޔަ ހަފުތާގައި އެ ހަށިގަނޑު ވަނީ ބޭރަށް ފޮނުވާލައިފަ އެވެ.
މަރުގެ ސަބަބު ބެލުމަށް އިންޑިއާގައި ޕޯސްޓުމޯޓަމް ހެދުމަށް ފަހު 36 އަހަރުގެ މީހާގެ ހަށިގަނޑު ވަނީ ރާއްޖެ ގެނެސްފަ އެވެ.
ކަށުނަމާދުގެ މައުލޫމާތު ހިއްސާކުރާ ޕޭޖުގައިވާ ގޮތުން ކުޅުދުއްފުށީ މުހައްމަދު ހަސަންގެ ކަށުނަމާދު އޮންނާނީ އަސްރު ނަމާދަށް ފަހު ހުޅުމާލެ ސަރަހަރާގަ އެވެ.
މި މަރުގެ ތަހުގީގާ ގުޅޭ އިތުރު މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.