18 ސެޕްޓެމްބަރ 2024 - 22:19

މާލޭގެ ގެއެއްގެ ހަ ވަނަ ފަންގިފިލާގައި ހުރި ދޮރެއްގެ ބިއްލޫރިގަނޑު ވެއްޓި މަގުމަތީ ހުރި މީހަކަށް އަނިޔާވެއްޖެ އެވެ.
މިރޭ އިރާކޮޅު 7:12 ހާއިރު ހިނގި މި ހާދިސާގައި ވެއްޓިފައިވަނީ މާފަންނު ޖަހާމުގުރި ގޮޅީގައި ހުރި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެވެ.
ހަ ވަނަ ފަންގިފިލާއިން ވެއްޓުނު އެ ބިއްލޫރިގަނޑު އެތަނުގައި ހުރި ސައިކަލެއްގައި ޖެހި ތަޅައިގެން ގޮސް، އޭގައި އިން މީހާގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ސަބަބުން އެ މީހާއަށް ލިބުނު އަނިޔާއަށް ފަރުވާދޭން އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ.
މި ހާދިސާ ހިނގި ވަގުތަކީ މާލެއަށް ބާރަށް ވައިޖެހި، ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތެކެވެ.