01 މާޗް 2017 - 16:10

ބޭރުގެ އިއްޒަތްތެރިންތަކެއް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އިއްޒަތްތެރިންގެ ގަދަރަށް އުނިކަން ލިބޭފަދަ ގޮތަކަށް އަމަލުކުރާ ނަމަ އެކަން ހުއްޓުވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިހެން ބުނީ ސައުދީ ރަސްގެފާނު ސަލްމާން މި މަހު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށެވެ. އަދި ސައޫދީ އަށް ފ. އަތޮޅު ވިއްކާލަން ސަރުކާރުން އުޅޭ ކަމަށް ބުނެ އެކަމާ ދެކޮޅަށް މުޒާހަރާ ކުރާނެ ކަމަށް ބުނާ ބައެއް ލިޔުންތައް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އިއްޒަތްތެރިންގެ ގަދަރަށް އުނިކަން ލިބޭފަދަ އަމަލުތައް ހިންގާ ނަމަ އެ ކަންތައްތައް ހިންގަން އުޅޭ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ އެއްވެސް ސަރަަހައްދެއްގައި އެފަދަ އެއްވެސް އަމަލެއް ހިންގުމަށް މިސާވިސް އިން ފުރުސަތު ނުދޭނެ ވާހަކަ ދެންނެވީމެވެ. އަދި އެ ފަދަ އަމަލެއް ހިންގަން އުޅުނު ފަރާތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަން ވެސް އެންގީމެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފ. އަތޮޅު ވިއްކާލަން ނިންމާފައި ނުވާ ކަމަށާއި އެ އަތޮޅުގައި ހިންގަން ނިންމާފައިވަނީ 10 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ ވިދާޅުވެފަ އެވެ.