18 ސެޕްޓެމްބަރ 2024 - 14:09

ކިންގް ސަލްމާން މިސްކިތުގައި ޒަމާނީ ލައިބްރަރީއެއް ހުޅުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ މައުލޫމާތު މީޑިއާއާ ހިއްސާ ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ބްރީފިންއެއްގައި މިނިސްޓަރު ވިދާޅުވީ، އިސްލާމީ ލައިބްރަރީތައް ގާއިމް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވާ މަސައްކަތެއް ކަމަށެވެ.
އެހެންވެ، އަންނަ އަހަރުގެ ޖެނުއަރީގައި ސަލްމާން މިސްކިތުގައި ލައިބްރަރީއެއް ގާއިމް ކުރެވޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އިސްލާމީ މަރުކަޒުގައި ހުރި ލައިބްރަރީ މިދިޔަ އަހަރުތަކުގައި ބަންދު ކޮށްފައިވާ މައްސަލަ އަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ތަނުގައި ހުރި ހުރިހާ ފޮތެއް ހުރީ ގުދަން ކޮށްފައި ކަމަށެވެ.
"އަޅުގަނޑުމެން އެކަން ބަދަލުކޮށް، ކިންގް ސަލްމާން މިސްކިތުގައި ފިޒިކަލް ގައުމީ ލައިބްރަރީއެއް ގާއިމް ކުރާނަން، އެ ތަނުން ދިރާސާ ކުރާ މީހުންނަށް ފަސޭހައިން ދިރާސާ ކުރެވޭނެ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ސަރުކާރުގެ އަމާޒަކީ ކިންގް ސަލްމާން މިސްކިތުގެ ލައިބްރަރީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރިން ހުޅުވުމެވެ.
ރާއްޖޭގެ އެެހެން ރަށްރަށުގައި ހުރި އިސްލާމިކް ސެންޓަރުތަކުގައި ވެސް ލައިބްރަރީތައް ގާއިމްކޮށް، ބޭނުންކުރަން ފަށާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އެ ތަންތަން މިހާރު ހުރީ ހުސްކޮށް. މިނިސްޓްރީގެ ފަރާތުން އެ ތަންތަނުގައި ލައިބްރަރީތައް ގާއިމް ކުރާނަން. ތިނަދޫ އިސްލާމިކް ސެންޓަރު، އުނގޫފާރު އިސްލާމިކް ސެންޓަރާއި ދިއްދޫ އަދި ހިތަދޫގައި ގާއިމް ކުރާ ސެންޓަރެއްގެ އިތުރުން ފުވައްމުލަކުގައި އަޅާ ގުރުއާނާ ބެހޭ މަރުކަޒުގައި ވެސް ވެސް ލައިބްރަރީ ގާއިމް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި މުޅިން އަލަށް އީ-ލައިބްރަރީއެއް (އޮންލައިންކޮށް ފޮތް ކިޔޭ ގޮތަށް) އިސްލާމީ ހާއްސަ ލައިބްރަރީއެއް ގާއިމް ކޮށްފައިވާނެ ކަމަށެވެ. ވެބްސައިޓުން ފޮތްތައް ޑައުންލޯޑް ކުރެވޭ ގޮތަށް ހަދާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.