"ޖޯއީ ޓްރިބިއާނީ" ރިޓަޔާ ކުރަނީ
"ޖޯއީ ޓްރިބިއާނީ" ރިޓަޔާ ކުރަނީ

މަޝްހޫރު ޓީވީ ސިލްސިލާ "ފްރެންޑްސް" އިން ވިދާލި އެކްޓަރު މެޓް ލެބްލޭންކް އުމުރުން 50 އަހަރުވުމުން އެކްޓްކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

އޭނާ ބުނީ މި އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު، 50 އަހަރު ފުރޭނެ ކަމަށާއި އޭގެ ފަހުން ބޭނުންވަނީ އެކްޓިން ކެރިއާ އާއި ޓީވީގެ މަސައްކަތްތައް ދޫކޮށްލައި ދަރިފުޅަށް ހުރިހާ ވަގުތެއް ހުސް ކުރަން ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ރިޓަޔާކުރަން ތައްޔާރުވަމުން އަންނަ ކަމަށް އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

އަދިވެސް މަގުބޫލު ކަމަށް ބަދަލެއް އައިސްފައި ނުވާ "ފްރެންޑްސް" 1994-2004 އަށް ދެއްކި އިރު މެޓް މަޝްހޫރުވެފައި ވަނީ އެ ސިލްސިލާގައި އޭނާ ކުޅުނު ޖޯއީ ޓްރިބިއާނީގެ ގޮތުގަ އެވެ. މި ސިލްސިލާ އިން މަޝްހޫރުކަން ހޯދި ބައެއް އެކްޓަރުން ވަނީ ފަހުން ފިލްމް ކުޅެ، ހޮލީވުޑްގައި ވެސް ކާމިޔާބީތައް ހޯދައިފަ އެވެ. އޭގެ ތެރޭގައި ޖެނިފާ އެނިސްޓަން، ކޯޓްނީ ކޮކްސް އަދި ލީސާ ކުޑްރޯ ފާހަގަކޮށްލެވެ އެވެ.

ރިޓަޔާ ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މެޓް އިއުލާންކޮށްފައިވާ އިރު، އޭނާ އަންނަނީ މިދިޔަ އަހަރުން ފެށިގެން ބީބީސީގެ މޮޓޯ ޝޯ "ޓޮޕް ގިއާ" ވެސް ހޯސްޓް ކުރަމުންނެވެ.

އެ ޝޯ އަށް އާންމުންގެ މާ ބޮޑު ތަރުހީބެއް ނުލިބޭތީ ޝޯގެ މައި ހޯސްޓް ކްރިސް އިވާންސް ޝޯ ދޫކޮށްލާފައި ވަނިކޮށް، މެޓް ވެސް ރިޓަޔާ ކުރަން ނިންމިކަން އިއުލާން ކުރުމުން "ޓޮޕް ގިިއާ" ގެ ކުރިމަގު މިހާރު ވަނީ ސުވާލު މާކެއްގެ ތެރޭގަ އެވެ.

މެޓް ބުނީ ވަރަށް ގިނަ ދުވަހު އެކްޓް ކުރުމާއި ޓީވީގައި މަސައްކަތްތަކުގެ ތެރޭގައި އުޅެވިއްޖެ ކަމަށާއި ދެން ބޭނުން ވަނީ އަމިއްލަ ދިރިއުޅުމާއި 13 އަހަރުގެ ދަރިފުޅު މެރީނާއާ އެކުގައި ވަގުތު ހޭދަ ކުރަން ކަމަށެވެ. މެޓް 2003 ގައި މެލީސާ މެކްނައިޓާ ކުރި ކައިވެނި ވަނީ 2006 ގައި ރޫޅިފަ އެވެ.

"އަހަރެން ދެން ބޭނުން ވަނީ ދަރިފުޅާ އެކު ވަގުތު ހޭދަކޮށް، ދަރިފުޅުގެ ކެރިއާ ބިނާކޮށް ދޭން މަސައްކަތް ކުރަން،" މެޓް ބުންޏެވެ. "ދަރިފުޅާ އެކު ވަގުތު ހޭދަ ކުރުމަކީ އަހަރެން ވަރަށް ލޯބިކުރާ ކަމެއް. އަދި އެއީ ބުނެދޭން ވެސް ނޭނގޭ ކަހަލަ އިހުސާސްތަކެއް ކުރުވާ ކަމެއް.

ދިހަ ސީޒަނަށް ދެމިގެން ދިޔަ "ފްރެންޑްސް" ގެ އިތުރުން ވެސް މެޓް ވަނީ ބައެއް ސިލްސިލާތައް ކުޅެފަ އެވެ. އޭގެ ތެރޭގައި "ޖޯއީ" (2004-2006) އަދި "މޭން ވިތު އަ ޕްލޭން" (2016) ފާހަގަކޮށްލެވެ އެވެ.