18 ސެޕްޓެމްބަރ 2024 - 06:01

ބޮލީވުޑްގެ ތަރި އާމިރް ހާންގެ ދަރިފުޅު ޖުނައިދު ހާން އާއި ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް އެކުގައި ކުޅޭ ފިލްމެއް އަންނަ އަހަރު ގެނެސްދޭން ނިންމައިފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު އަނޫރާގް ކަޝްޔަޕްގެ ޕްރޮޑަކްޝަން ހައުސް "ފެންޓޮމް" އާއި އޭޖީއެސް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ އެ ފިލްމު ވަނީ އިއްޔެ އިއުލާންކޮށްފަ އެވެ. ނަމަވެސް، އެ ފިލްމުގެ ނަމެއް އަދި ހާމައެއް ނުކުރެ އެެވެ.
ޖުނައިދު އާއި ހުޝީ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމު ގެނެސްދެނީ އަންނަ އަހަރު ފެބްރުއަރީ ހަތެއްގަ އެވެ. އެއީ ލޯބީގެ ފިލްމެކެވެ.
މި ފިލްމު ޑައިރެކްޓުކުރަނީ އާމިރްގެ "ލާލް ސިންގް ޗައްޑާ" ޑައިރެކްޓުކުރި އަދްވައިތު ޗަންދަން އެވެ.
މި ފިލްމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އަދި އާންމެއް ނުކުރެ އެވެ.
މި ފިލްމު ވާނީ ހުޝީ އާއި ޖުނައިދުގެ ވެސް ދެވަނަ ފިލްމަށެވެ. ހުޝީގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އެވެ. ޖުނައިދުގެ ފުރަތަމަ ފިލްމަކީ މި އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "މަހަރާޖް" އެވެ.