01 މާޗް 2017 - 15:40

ސިފައިންގެ އެންމެ މަތީ ވެރިޔާގެ ވާދައިގެ ތައްޓަށް ބާއްވާ ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ރޭ، ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ފަށައިފި އެވެ.
ސިފައިންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި މި މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. މި ރަސްމިއްޔާތުގައި، މުބާރާތުގައި ބައިވެރިވި ގެމަތަކުގެ ޝަރަފުގެ ހިނގާލުމެއް ދައްކާލުމާއި އޮފިސަރުންގެ ޑްރިލްއެއް ވެސް އޮތެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި އެކި ރޭންކްތަކުގެ އޮފިސަރުން ބައިވެރި ވި އެވެ. މީގެ އިތުރުން ސިފައިންނާއި، ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރައްވާފައިވާ ބޭފުޅުން ވެސް ބައިވެރިވި ކަމަށް އެމްއެންޑީއެފް ވެބްސައިޓްގައި ވެ އެވެ.
މި މުބާރާތަކީ އެމްއެންޑީއެފްގައި ބޭއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. އަދި މި ފަހަރުގެ މުބާރާތުގައި ސިފައިންގެ 13 ޔުނިޓަކުން ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފް ވެބްސައިޓްގައިވެ އެވެ. މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2010ވަނަ އަހަރު އެވެ.