01 މާޗް 2017 - 14:34

ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަށް ބިރު ދެއްކި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) މިއަދު ގޭބަންދަށް ބަދަލުކޮށްފި އެވެ. އެނގިފައިވާ ގޮތުގައި ޝުމްބާ ގޭބަންދަށް ބަދަލުކުރީ، އެ މައްސަލަ ބައްލަވާ ގާޒީގެ އެންގެވުމަކަށެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތްގުޅުމެއް ބާއްވަމުން އައި ޝުމްބާ ގޭބަންދަށް މި ބަދަލުކުރީ އޭނާ ޖަލުގައި ހައްޔަރުކޮށްފައި ހުންނަތާ ދޮޅު އަހަރު ފަހުންނެވެ.
ޝުމްބާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ނުބާއްވާތާ އަހަރެއްހާ ދުވަސް ފަހުން، އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ހޯމަދުވަހު ބާއްވަން ތާވަލް ކުރި އެވެ. އެކަމަކު ދައުލަތުގެ ހެކިން ހާޒިރު ނުކުރެވިގެން،
އެ އަޑުއެހުން ފަހު ވަގުތު ވަނީ ކެންސަލްކޮށްފަ އެވެ. އެއީ ހެކިބަސް ނެގުމަށްޓަކައި ތާވަލްކުރި އަޑުއެހުމެކެވެ. އެ އަޑުއެހުން ކެންސަލް ކުރުމަށް ފަހު، އަދި ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވަ އެވެ.
މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ.
ޝުމްބާގެ މައްޗަށް ކުރާ ދައުވާގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންދާތީ އޭނާގެ އާއިލާ އިން ވެސް ވަނީ ފާޑުކިޔައިފަ އެވެ.
ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ހޯދަން އިއުލާން ކުރުމަށް ފަހު ޝުމްބާ ހައްޔަރުކުރީ ސްރީ ލަންކާ އިންނެވެ.