2020ގެ ތައުލީމީ އަމާޒުތައް ގާތްގަނޑަކަށް ހާސިލްކުރެވިއްޖެ: މިނިސްޓަރު
2020ގެ ތައުލީމީ އަމާޒުތައް ގާތްގަނޑަކަށް ހާސިލްކުރެވިއްޖެ: މިނިސްޓަރު

ސާސްކަފްގެ ތަރައްގީގެ ތެރޭގައި ހިމެނޭ ތައުލީމީ ލަނޑުދަނޑިތަކުގެ ތެރެއިން 2020 ވަނަ އަހަރުގެ ތައުލީމީ ހުރިހާ އަމާޒުތަކެއް ރާއްޖެ އިން ގާތްގަނޑަކަށް ހާސިލްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އެސެސްމަންޓް ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދުވެލި ދައްކައިދޭ އެންމެ މުހިއްމު މިންގަނޑުތަކަކީ، ދުނިޔޭގެ ފެންވަރުގެ ތައުލީމީ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ރާއްޖެ އިން ހޯދާފައިވާ ކާމިޔާބީތައް ކަމަށެވެ.

ސާސްކަފުގެ ތައުލީމީ ލަނޑުދަނޑިތަކުގެ ތެރޭގައި، 2020 ވަނަ އަހަރުގެ ކުރިން ޕްރީ ސްކޫލުގެ ތައުލީމް ހިލޭ ފޯރުކޮށްދިނުން ހިމެނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި އަހަރުން ފެށިގެން ރަސްމީ ތައުލީމުގެ ތެރޭގައި ޕްރީ ސްކޫލް ހިމަނައި، ޕްރީ ސްކޫލް ތައުލީމް ހިލޭ ފޯރުކޮށްދޭ އޭޝިއާގެ ފުރަތަމަ ގައުމަކަށް ރާއްޖެ ހަދައިފަ އެެވެ

މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެހި ދަރިވަރުން ހޯދާ ތައުލީމީ ނަތީޖާ، ސަރަހައްދީ ފެންވަރުގެ އިތުރުން ދުނިޔޭގެ ފެންވަރުގައި އަޅާ ކިއުމުގެ ވަގުތު ވަނީ ޖެހިފަ އެވެ.

"ގްރޭޑް 10 އަދި 12 ނިންމާ ދަރިވަރުން ހަދާ ކެމްބްރިޖް އަދި އެޑެކްސެލް އިމްތިހާނުތަކުގެ އިތުރަށް ޕިސާ ފަދަ ދުނިޔޭގެ ފެންވަރުގައި ނަން ހިނގާ ޓެސްޓުތަކުގައި އަޅުގަނޑުމެންގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކުރުމުގެ މަސައްކަތް ކުރުމުގެ ވަގުތު ޖެހިއްޖެކަން އަޅުގަނޑު ގަބޫލުކުރަން. އެހެންކަމުން ވޯލްޑް ބޭންކް ފަދަ އެހީދޭ ޖަމިއްޔާތަކާ އެކު އަޅުގަނޑުމެން މުސްތަގުބަލުގައި މަސައްކަތް ކުރާއިރު މިދާއިރާތަކުން މަސައްކަތް ކުރުމަކީ މުހިއްމުކަމެއްކަމުގައި ފާހަގަކުރަން،" ސްކޫލުތަކުގެ ޕްރިންސިޕަލް ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ކުއްޖެއް ބާކީ ނުކޮށް ފެންވަރު ރަނގަޅު ތައުލީމް ކޮންމެ ދަރިވަރަކަށް ވެސް ފޯރުކޮށްދިނުމަކީ ތައުލީމީ ދާއިރާގައި ސަމާލުކަންދޭ އެންމެ މުހިއްމު އެެއް ކަމަކަށް މިހާރު ވެފައިވާ ކަމަށެވެ.