މި މަހު ކާމިޔާބު ހޯދާނީ ކޮން ފިލްމުތަކެއް؟
މި މަހު ކާމިޔާބު ހޯދާނީ ކޮން ފިލްމުތަކެއް؟

މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ބޮލީވުޑްގައި މާބޮޑު ތަފާތުކަމެއް ނެތެވެ. ޖެނުއަރީގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ޝާހްރުކް ޚާންގެ "ރައީސް" އާއި ރިތިކް ރޯޝަންގެ "ގާބިލް" ވަނީ ކާމިޔާބު ހޯދައިފަ އެވެ. މިދިޔަ މަހު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ކާމިޔާބު ލިބުނީ އަކްޝޭ ކުމާރުގެ "ޖޮލީ އެލްއެލްބީ" އަށް އެކަންޏެވެ.

މި މަހު ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން ކާމިޔާބުވާނެކަމުގެ އުންމީދު އެންމެ ބޮޑީ ވަރުން ދަވަން އާއި އާލިއާ ބަޓްގެ "ބަދްރީނާތު ކީ ދުލްހަނިޔާ" އެވެ. މި މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމަކީ "ދުލްހަނިޔާ" ސީރީޒްގެ ފިލްމެއްގެ ގޮތުގައި ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް ސިފަ ކުރެ އެވެ. ނަމަވެސް މިއީ ކުރިން ރިލީޒްކުރި "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ"ގެ ސީކުއަލް އެއް ނޫންކަމަށް ވެސް ކަރަން ބުންޏެވެ.

ކުރީގެ ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާތީ މި ފިލްމަށް ވެސް އެހާ ބޮޑު ކާމިޔާބެއް ލިބޭނެކަމަށް ފިލްމު އުފެއްދި ފަރާތުން އުންމީދު ކުރެ އެވެ. ފިލްމުގެ އެންމެ ހިތްގައިމު އެއް ކަމަކީ އާލިއާ އާއި ވަރުންގެ ކެމިސްޓްރީ އެވެ. ފިލްމުގެ ލަވަތައް ވެސް މިހާރު ވަނީ ޗާޓްތަކުގެ ކުރީގަ އެވެ.

މި ފިލްމުގެ ކުރިން މާދަމާ ވިދްޔުތު ޖަމްވާލްގެ "ކޮމާންޑޯ 2" ރިލީޒްކުރާނެ އެވެ. މިއީ އެކްޝަން ފިލްމުތައް ބަލާހިތްވާ މީހުންނަށް ކަމުދާނެ ފިލްމަކަށް ވިޔަސް މާބޮޑު ތަރުހީބެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.

އަނުޝްކާ ޝަރުމާގެ "ފިލޯރީ" މި މަހު 24 ގައި ރިލީޒް ކުރާއިރު މިއީ އަނުޝްކާގެ ޕްރޮޑަކްޝަން ހައުސް އިން ނެރޭ ދެ ވަނަ ފިލްމެވެ. މިއީ ހޮލީވުޑް ފިލްމު "ދަ ކޯޕްސް ބްރައިޑް" އަސްލަކަށް ބަލައިގެން ކުޅެފައިވާ ފިލްމެއް ކަމަށްވެ އެވެ. ފިލްމުގެ ޕްލޮޓް ވަރަށް ޝައުގުވެރި އެވެ. އެކްޓަރުންގެ ގޮތުގައި މި ފިލްމުން ފެންނާނީ ދިލްޖީތު ދޮސާންގް އާއި ސޫރަޖް ޝަރުމާ އެވެ. ނަމަވެސް ފިލްމު ރަނގަޅަށް ހިނގާފާނެކަމާ ދޭތެރޭ އންޑަސްޓްރީގެ މީހުންނަށް ވެސް ޝައްކެވެ.

މި މަހު 31 ވަނަ ދުވަހު ރިލީޒްކުރާ "ނާމް ޝަބާނާ" އަކީ ތާޕްސީ ޕަންނޫގެ ފިލްމެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ތާޕްސީ ވަނީ "ބޭބީ" އިން އޭނާގެ އެކްޝަން ހުނަރު ދައްކާލާފަ އެވެ. މިއީ އެ ފިލްމުގެ ސީކުއަލް އެކެވެ. މި ފިލްމުގައި ދައްކަނީ އޭނާގެ ވާހަކަ އެވެ. "ނާމް ޝަބާނާ" ގައި އަކްޝޭ ކުމާރު އުޅުނަސް އޭނާ ކުޅެނީ މެހެމާނެއްގެ ރޯލެވެ. ފިލްމުގެ ޓްރެއިލާ ވަރަށް ގިނަ ބަޔަކަށް ކަމުދާކަމަށްވެ އެވެ. އެހެންވެ ފިލްމުވެސް ރަނގަޅަށް ހިނގުން އެކަށީގެންވެ އެވެ.