13 ޖޫން 2016 - 11:26

ޓުލޫސް، ފްރާންސް (ޖޫން 13) - ބްރެޒިލްގައި 2014 ވަނަ އަހަރުގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ސްޕެއިން ކެޓި ނަމަވެސް މި ފަހަރުގެ ޔޫރޯގައި އެކަން ތަކުރާރު ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ބުނެފި އެވެ.

އެންމެ ފަހުން ދެ ފަހަރުގެ ވެސް ޔޫރޯ ޗެމްޕިއަންކަން ހޯދި ސްޕެއިން މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ. ޑެލް ބޮސްކޭ ބުނީ ފާއިތުވި އަހަރުތަކާ ހިލާފަށް މިފަހަރު ސްޕެއިންގައި އޮތީ ޒުވާން ޓީމެއް ކަމަށެވެ.
"ސްޕެއިނަކީ އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަނުން. މި ފަހަރު ޓީމު ވަރަށް ތަފާތު. ގިނައީ ކުރިން ދެ ފަހަރުގައި ނުކުޅޭ ޒުވާން ކުޅުންތެރިން. އެކަމަކު އަހަރެމެންގެ އަމާޒަކީ ތިން ވަނަ ފަހަރަށް ތަށި ހޯދުން. ވޯލްޑް ކަޕްގެ ނާކާމިޔާބީ ތަކުރާރުވިޔަ ނުދޭނަން،" ޑެލް ބޮސްކޭ ބުންޏެވެ.
މިފަހަރުގެ މުބާރާތަށް ސްޕެއިނުން ނެގި ސްކޮޑުގައި އެންމެ ފަހުން ކުޅުނު ދެ ޔޫރޯގައި އެޓީމަށް ކުޅުނު ފަސް ކުޅުންތެރިން ހިމެނެ އެވެ. އެއީ ސާޖިއޯ ރާމޮސް، އިކާ ކަސިއަސް، އަންދުރެސް އިނިއެސްޓާ، ސެސް ފަބްރެގަސް އަދި ޑޭވިޑް ސިލްވާ އެވެ.
މި ފަހަރުގެ މުބާރާތަށް ސްޕެއިން ތައްޔާރުވަމުން އަންނަނިކޮށް އެ ޓީމުގެ ކީޕަރު ޑޭވިޑް ޑެހެއާ އަށް ވަނީ ރޭޕްގެ ތުހުމަތުތަކެއް ކޮށްފަ އެވެ. ޑެހެއާ ވަނީ އެކަން ދޮގުކޮށްފަ އެވެ. ޑެލް ބޮސްކޭ ބުނީ އެކަމުގެ އަސަރު ޓީމަށް ނުކުރާނެ ކަމަށާއި ފުރަތަމަ މެޗަށް ނަގާނެ ކީޕަރަކާ ގުޅޭގޮތުން ވަކިގޮތެއް ނުނިންމާ ކަމަށެވެ.
"ޑެހެއާ އަށް ކުރެވިފައިވާ ތުހުމަތުތަކުގެ ސަބަބުން ޓީމަށް އަސަރެއް ނުކުރޭ. ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅޭނެ ކީޕަރެއް ނުނިންމަން. އެއްކޮޅުގައި މިހިރީ މިދިޔަ ދެ ސީޒަނުގައި ވަރުގަދަ ލީގެއްގައި ކުޅުނު އެންމެ މޮޅު ކީޕަރު (ޑެހެއާ). ދެން މިހިރީ ފާއިތުވި އަހަރުތަކުގައި ސްޕެއިން ހޯދި ކާމިޔާބީތަކުގެ ބޮޑު ހިއްސާއެއް އޮތް ކީޕަރެއް (ކަސިއަސް). މިއީ ފަސޭހަ ނިންމުމެއް ނޫން،" ޑެލް ބޮސްކޭ ބުންޏެވެ.
ޗެކް ރިޕަބްލިކްގެ ކޯޗު ޕަވެލް ވާބާ ބުނީ އެ ޓީމުން ވަނީ މާޒީގައި ބޮޑެތި ޓީމުތައް ހައިރާންކޮށްލުމަށް ފަހު ތަފާތު ނަތީޖާތަކެއް ނެރެފައި ކަމަށާއ އުއްމީދުކުރަނީ ސްޕެއިނާ ދެކޮޅަށް ވެސް އެ ފަދަ ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.
ސްޕެއިން އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.