15 ސެޕްޓެމްބަރ 2024 - 12:03

ފުވައްމުލަކުގައި ދޯންޏަކުން ބިއްލޫރި ޝީޓުތަކެއް ބާލަން އުޅެނިކޮށް އިއްޔެ އަނިޔާވި މީހުންގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވި މީހާ އިތުރު ފަރުވާ އަށް މާލެ ގެނެސްފި އެވެ.
ބިއްލޫރި ޝީޓުތަކެއް ތަޅައިގެން ގޮސް ހަތަރު މީހަކަށް އަނިޔާވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ ހެނދުނެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީ އެވެ.
އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ބޮޑު އަނިޔާ ލިބުނު ބިދޭސީ މީހާ އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވާ ކަމަށެވެ. އެ ފިރިހެން މީހާގެ ފައިގެ ދެ ތަނަކުން ބިންދައިގެން ގޮސް، ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި އެވެ. ދެން ތިބި މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވެ އެވެ.
އައިޖީއެމްއެޗުން ބުނީ، އެ މީހާގެ ފަރުވާ ކުރިއަށް ގެންދާ ކަމަށާއި އެޑްމިޓް ކޮށްފައި ވަނީ ވޯޑުގައި ކަމަށެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ބިއްލޫރި ޝީޓުތައް ހުރީ އެއްކޮށް ފުނޑުފުނޑުވެފަ އެވެ. ބިއްލޫރިތައް ހުރި ޕެލެޓް ކަމަށް ބެލެވޭ އެއްޗަކާއި ފުނޑުފުނޑުވި ޝީޓުތައް ވެސް ހުރީ ދޯނި ތެރޭގަ އެވެ.