14 ސެޕްޓެމްބަރ 2024 - 13:06

ފުވައްމުލަކުގައި ދޯންޏަކުން ބާލަން އުޅުނު ބިއްލޫރި ޝީޓުތަކެއް ވެއްޓި މިއަދު ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
މީގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުވައްމުލަކުގައި އޮތް ދޯންޏަކުން ހެނދުނު 9:30 ހާއިރު ބިއްލޫރި ޝީޓުތަކެއް ބާލަން އުޅުނު ދެ ބިދޭސީއަކާއި ދެ ދިވެއްސަކަށް އަނިޔާވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަނިޔާވި ހަތަރު މީހުންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.
ޒަހަމްވި އެކެއްގެ ހާލު ސީރިއަސް ކަމަށް ބުންޏަސް މި ވަގުތު ފަރުވާގެ ކަންކަން ކުރިއަށް ގެންދާތީ އަދި ތަފްސީލެއް ނުލިބެ އެވެ.
އެނގިފައިވާ ގޮތުގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން ބިދޭސީއެއްގެ ފައި ވަރަށް ފުންކޮށް ކަނޑައިގެން ގޮސްފައިވެ އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ބިއްލޫރި ޝީޓުތައް ހުރީ އެއްކޮށް ފުނޑުފުނޑުވެފަ އެވެ. ބިއްލޫރިތައް ހުރި ޕެލެޓް ކަމަށް ބެލެވޭ އެއްޗަކާއި ފުނޑުފުނޑުވި ޝީޓުތައް ވެސް ހުރީ ދޯނި ތެރޭގަ އެވެ.