ޑޮކްޓަރެއްގެ ފުރާނަ ސަލާމަތްކުރަން އެހެން ޑޮކްޓަރަކު ކިޑްނީ ހަދިޔާކޮށްފި
ޑޮކްޓަރެއްގެ ފުރާނަ ސަލާމަތްކުރަން އެހެން ޑޮކްޓަރަކު ކިޑްނީ ހަދިޔާކޮށްފި

ޑޮކްޓަރަކު އެހެން މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އެއީ އެ މީހުންގެ މަސައްކަތެވެ. އެކަމަކު ޑރ. ކޮލީން ކޯލްމަން މިކަން ކުރީ އެހެން ގޮތަކަށެވެ. އެކުގައި މަސައްކަތްކުރާ އެހެން ޑޮކްޓަރެއްގެ ފުރާނަ ސަލާމަތްކޮށްދިނީ އަމިއްލަ ކިޑްނީ ހަދިޔާކޮށްގެންނެވެ.

އެމެރިކާގެ ހޯގް ހޮސްޕިޓަލް ނިއުޕޯޓް ބީޗްގައި، ހޭނައްތާ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ޑރ. ބްރިއަން ޑުންގެ ދެ ކިޑްނީ ފެއިލްވީ އޭނާގެ ޓީންއޭޖް ދުވަސްވަރު ބަނޑުގައި އުފެދުނު ޓިއުމަރެއް ނެގުމަށް ފަހު ދިން ކީމޯތެރަޕީގެ ސަބަބުންނެވެ.

ޑރ. ކޯލްމަން ކިޑްނީ ހަދިޔާކުރަން ނިންމީ ޑރ. ޑުން އަށް ކިޑްނީ ހަދިޔާކުރަން އުޅުނު އެކަކު އެންމެ ފަހު ވަގުތު އެކަން ނުކޮށްދިނުމުންނާއި ދެން ކިޑްނީ ހަދިޔާކުރަން ބޭނުންވި މީހާގެ ނުރައްކާތެރި ބައްޔެއް ހުރުމުން ކިޑްނީ ދެވޭ ގޮތް ނުވުމުންނެވެ.

"އަހަރެން ހީކުރީ ދެން އަހަންނަށް ކިޑްނީއެއް ދޭނެ މީހަކު ނުވާނެކަމަށް،" އިނގިރޭސި ވިލާތުގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ޑރ. ޑުން ބުންޏެވެ.

ޑރ. ޑުންގެ ކިޑްނީ އޭނާގެ އުމުރުން 25 އަހަރުގައި ފުރަތަމަ ފަހަރަށް ބަދަލު ކުރި އެވެ. އެ ފަހަރު އޭނާއަށް ކިޑްނީ ދިނީ މަންމަ އެވެ. ނަމަވެސް ހަދިޔާކުރާ ކިޑްނީ އަކީ އުމުރަށް ހުންނަ އެއްޗަކަށް ނުވާތީ 2015 ވަނަ އަހަރު ޑރ. ޑުންގެ ސިއްހަތު އަނެއްކާވެސް ގޯސް ވާން ފެށީ އެވެ.

އެންމެ ފަހުން މިދިޔަ އަހަރު އޭޕްރީލްގައި އޭނާ އަނެއްކާވެސް ޑަޔަލިލިސް ހަދަން ފެށި އެވެ. ލޭ ސާފުކުރުމަށްޓަކައި އޭނާ ދުވާލަކު ހަތަރު ފަހަރު ޑަޔަލިލިސް ހަދަން ޖެހުނެވެ.

ޑުން އުޅޭ ހާލު ފެނިފައި އެންމެ ފަހުން ޑރ. ކޯލްމަން ކިޑްނީ ދޭން ނިންމެވި ނަމަވެސް ފުރަތަމަކޮޅު އެކަން ވެސް ކުރެވޭ ގޮތެއް ނުވި އެވެ. ފުރަތަމަ ދެ މީހުންގެ ކިޑްނީ ދިމާވޭތޯ ހެދި ސްކްރީނުން އެ ދެ މީހުންގެ ކިޑްނީ ދިނާނުވާ ކަމަށް ދެއްކި އެވެ. ނަމަވެސް އަލުން ހެދި ޓެސްޓްތަކުން އެނގުނީ ޓެސްޓްތަކުގައި އޮޅުމެއް އަރާފައިވާ ކަމަށެވެ.

ކިޑްނީ ހަދިޔާކުރުމަށް ޑރ. ކޯލްމަން ވެސް ޖެހިލުންވި ހިނދުކޮޅެއް ދިޔަ އެވެ. ނަމަވެސް ޑުންގެ ހަ އަހަރުގެ ދަރިފުޅުގެ މަތިން ހަނދާން ވެފައި ކިޑްނީ ދޭން ނިންމީ އެވެ. ކޯލްމަންގެ މާމަ ކިޑްނީ ފެއިލްވެގެން މަރުވިއިރު އޭނާގެ މަންމަ އަކީ ވެސް ހަ އަހަރުގެ ކުޑަ ކުއްޖެކެވެ.

"އަހަރެން ބޭނުން ނުވީ އޭނާގެ ދަރިފުޅު ވެސް ބައްޕައަކު ނެތި ބޮޑުވާނެ،" ކޯލްމަން ބުންޏެވެ.

ޑުން، 45، ބުނި ގޮތުގައި އާ ކިޑްނީ ލެއްވިތާ އެންމެ ތިން ހަފުތާ ތެރޭ އޭނާގެ ހަށިގަނޑަށް އާ ދިރުމެއް ލިބުނުކަމުގެ އިހްސާސް ކުރެވުނެވެ. އަދި ޑުން ވަނީ ކޯލްމަން އޭނާއަށް ވެދިން އެހީއަށް ޝުކުރު އަދާކޮށް އޭނާއަށް ޝުކުރުގެ ނޯޓެއް ވެސް ފޮނުވާފަ އެވެ.

ކިޑްނީ ހަދިޔާކުރި އޮޕަރޭޝަނަށް ފަހު ޑރ. ކޯލްމަން މިހާރު ވަނީ އަލުން ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފަށައިފަ އެވެ.