14 ސެޕްޓެމްބަރ 2024 - 08:32

ސައިކަލެއްގެ މަޑިދަށުން 400،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމަށް ބުނާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތަށް ބަންގްލާދޭޝް މީހެއް ކަމަށްވާ ޖަހަންގިރް އާލަމް، 45، ހައްޔަރުކޮށްފައި ވާއިރު އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ތަހުގީގަށް އޭނާ ބަންދުގައި ބަހައްޓަން 15 ދުވަސް އިތުރުކޮށް ދީފަ އެވެ.
ބަންދުގެ މަޖިލީހުގައި ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި ސައިކަލްގެ މަޑިދަށުން 442،750ރ. ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި މިކަން ކުރި ކަމަށް ޖަހަންގިރް އިންކާރު ކޮށްފައި ވިޔަސް، އޭނާ އެކަން ކުރި ކަމަށް ކޮންމެވެސް ވަރަކަށް ބެލެވޭ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ޖަހަންގިރާ ދެކޮޅަށް ހުށަހެޅި ހެކީގެ ތެރޭގައި ސީސީޓީވީ ފުޓޭޖާއި ފައިސާގެ ވެރިފަރާތުގެ ބަޔާން ހިމެނެ އެވެ.
މި މައްސަލައާ ގުޅޭ ތަފްސީލެއް ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެ އެވެ.