13 ސެޕްޓެމްބަރ 2024 - 22:56

ހިޔާ ފްލެޓެއްގެ ތެރޭގައި އަންހެނަކު އެހީއަށް އެދި ރޮމުން ދިޔަ އަޑު އިވިގެން ފުލުހުން އެ ތަނަށް ވަދެ އޭނާ ސަލާމަތްކޮށް ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ހިޔާގެ އެޕާޓްމެންޓެއްގެ ތެރޭގައި އަންހެނަކު ސަލާމަތަށް އެދި ގޮވަމުން ދިޔައީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އޭނާ ރޯ އަޑު އިވިގެން އެތަނަށް ދިއުމުން، ފިރިހެނަކު ދޮރު ހުޅުވުމަށް ފަހު އެއްވެސް ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރު ލައްޕާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އޭގެ ފަހުން ވެސް އަންހެންމީހާ ސަލާމަތަށް އެދި ހަޅޭއްލަވާ އަޑު އިވުނު ކަމަށެވެ.
އަންހެން މީހާ ރޯ ސަބަބެއް ބަލަން ދޮރު ހުޅުވަން ތަކުރާރުކޮށް އެދުމުން ވެސް ފަހުން ދޮރެއް ނުހުޅުވި އެވެ. އެހެންވެ، ފުލުހުން އެތަނަށް ވަނީ ބާރުގެ ބޭނުންކޮށްގެން އެޕާޓްމެންޓްގެ ދޮރު ހުޅުވައިގެންނެވެ.
ފުލުހުން ބުނީ އަންހެން މީހާ ސަލާމަތްކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ލާމިޔާ، އަހުމަދު އުވައިސް އަދި މއ. ތްރީމޫންސް، މުހައްމަދު މުމީތެވެ.
މި ދެ މީހުންނާ އަންހެން މީހާއާ އޮންނަ ގުޅުމެއް އަދި އަންހެން މީހާއަށް އަނިޔާދިން ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.