13 ސެޕްޓެމްބަރ 2024 - 12:08

ހުޅުމާލޭގައި ގަވައިދާ ހިލާފަށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯ ކުރުމާއި އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މާދަމާ ފަށަން ނިންމައިފި އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭ މަގުތަކާއި ގޯޅިތަކުގައި ގަވައިދާ ހިލާފަށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ޓޯކޮށް ބަދަލު ކުރުމުގެ މަސައްކަތް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާ ގުޅިގެން ފަށަން ނިންމާފައިވާ ކަމަށެވެ.
އެ މަސައްކަތް މާދަމާ ހެނދުނު 8:00 އިން ފެށިގެން ކުރިޔަށް ދާނެ ކަމަށް ފުލުހުން ބުންޏެވެ.
އެޗްޑީސީން މިފަހުން ވަނީ ހުޅުމާލެ ސަހަރާ ކުރިމަތީ އޮތް 90،000 އަކަފޫޓުގެ ބިން ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭނުމަށް ދޫކޮށްފަ އެވެ.
އޭގެ ތެރެއިން 50،000 އަކަފޫޓު ބިން ވެހިކަލް ޕާކު ކުރަން ކަނޑައަޅާ އިރު 40،000 އަކަފޫޓު ބޭނުން ކުރާނީ ފުލުހުން ޓޯ ކުރާ ވެހިކަލްތައް ބެހެއްޓުމަށެވެ.
ޕާކިން އަށް ބޮޑު ސަރަހައްދެއް ކަނޑައެޅި ނަމަވެސް އަދިވެސް ގިނަ ބަޔަކު އެތަން ބޭނުމެއް ނުކުރެ އެވެ. އެ ސަރަހައްދުގައި އަދިވެސް ގިނަ ވެހިކަލްތައް ޕާޚުކޮށްފައި ހުރީ މަގުމަތީގަ އެވެ.