ފައިނަލުގައި ޓީސީއާ ބައްދަލުކުރާނީ ކޮރެއާގެ ޕޮޗެއޮން
ފައިނަލުގައި ޓީސީއާ ބައްދަލުކުރާނީ ކޮރެއާގެ ޕޮޗެއޮން

އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްގެ ޗިޓަގޮންގް އަބަހާނީ އަތުން 2-1 އިން މޮޅުވެ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕުގެ ފައިނަލުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ބައްދަލުކުރުމުގެ ފުރުސަތު ދެކުނު ކޮރެއާގެ ހަތަރު ވަނަ ޑިވިޝަނުގެ ޕޮޗޮއެން ސިޓިޒެން އެފްސީ ހޯދައިފި އެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ޗިޓަގޮންގްގެ އެމްއޭ އަޒީޒް ސްޓޭޑިއަމުގަ އެވެ. ޓީސީ ފައިނަލުން ޖާގަ ހޯދީ ނޭޕާލުގެ ޗެމްޕިއަން މަނަންގް މަޝިޔަންޑީ އަތުން 1-0 އިން މޮޅުވެގެންނެވެ.

ޓީސީ އާއި ޕޮޗޮއެން ވަނީ ގްރޫޕް ސްޓޭޖުގައި ބައްދަލުކޮށްފަ އެވެ. ޓީސީ ސެމީގެ ޖާގަ ޔަގީންކޮށްފައިވަނިކޮށް ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ކެޕްޓަން އަލީ ނާފިއު ނެތި ޓީސީ ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު އެ ޓީމަށް ލީޑު ނަގައިދިނީ ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓެވެ. ޕޮޗެއޮން އިން އެއްވަރުކުރީ މެޗުގެ 78 ވަނަ މިނެޓުގަ އެވެ.

ހުކުރު ދުވަހު ކުޅޭ ފައިނަލް މެޗުން ޓީސީ މޮޅުވެ ތަށި ހޯދައިފި ނަމަ އެ ޓީމު ވެގެންދާނީ ރާއްޖޭން ބޭރުގައި ބާއްވާ ބައިނަލްއަގްވާމީ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާ ރާއްޖޭގެ ފުރަތަމަ ކްލަބަށެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ ފައިނަލުން ޖާގަ ލިބުމަކީ މުޅި ރާއްޖެ އަށް ވެސް ލިބުނު ކާމިޔާބެއް ކަމަށާއި ތަށި ހޯދަން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"މިއީ އަހަރެމެންނަށް ބޮޑު ކާމިޔާބެއް. ހަމައެކަނި އަހަރެމެންނަށް ނޫން މުޅި ގައުމަށް ވެސް މެ،" ނިޒާމް ބުނެފައިވެ އެވެ.