ރޯދަ މަހު ބަރުވާ ސަބަބާއި ހައްލު
ރޯދަ މަހު ބަރުވާ ސަބަބާއި ހައްލު

ރޯދަ މަހުގެ ދުވާލުގެ ވަގުތު ނުކައި ނުބޮއެ ތިބުމުން ބަރުދަން ލުއިވާނެ ކަމަށް ހީކުރިޔަސް ވަރަށް ގިނަ މީހުންނަށް ދިމާވަނީ މީގެ އިދިކޮޅަށެވެ. ބަރުދަން ވަނީ އިތުރެވެ. ދުވާލު ނުކައި ތިއްބަސް، ރޭގަނޑުގެ ވަގުތުގައި ކައި ތަކެއްޗާއި ކައި މިންވަރު އެހެން މަސް މަހުގެ މިންވަރަށް ވުރެ އިތުރުވަނީ ކަމަށް ވެދާނެ އެވެ.

ރޯދަ މަހު ބަރުދަން ލުއިކޮށްލަން ބޭނުންވާ ނަމަ މިއީ އެހީއެކެވެ.

މިއީ ވަރަށް ގިނަ މީހުންނަށް އޮންނަނީ އުނދަގޫ ކަމަކަށް ވެފަ އެވެ. ރޭގަނޑު ގިނައިން ފެން ބުއިމަކީ ދުވާލު ހަށިގަނޑުން ފެން މަދުވާ މައްސަލަ އަށް އޮތް ހައްލެވެ. އަދި މިއީ ރޭގަނޑު މާގިނައިން ފޮނިތަކެތި ކާހިތްވުން ކޮންޓްރޯލް ކުރުމަށް ވެސް މުހިންމު ކަމެކެވެ. ދުވާލަކު އަށް ތަށި ފެން އެއީ ފުދޭވަރެކެވެ. ރޯދަ މަހު މި މިންވަރަށް ފެން ހަމަކުރުމަށް މިގޮތަށް އަމަލުކުރެވިދާނެ އެވެ.

* ރޯދަ ވީއްލާ ވަގުތު ދެ ތަށި ފެން

* ރޯދަ ވީއްލުމާއި ހާރުކެއުމާ ދެމެދު ހަތަރު ތަށި ފެން

* ހާރު ކެއުމަށް ފަހު ދެ ތަށި

ކެފެއިން ހުންނަ ބުއިންތައް އެއްގޮތަކަށް ވެސް ބޭނުން ނުކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ކެފެއިންގެ ސަބަބުން ހަށިގަނޑުން ފެން މަދުކޮށްލާނެ އެވެ.

ރޯދަޔަށް ހުރުމުން ހަށިގަނޑުގެ މެޓަބޮލިޒަމް ދަށަށް ދާނެ އެވެ. އެހެންވެ ހަށިގަނޑަށް ހަކަތަ ދިނުން ވެސް މަޑުޖައްސާލަން ޖެހެ އެވެ. ރޯދަ ވީއްލާ ވަގުތަކީ މުޅި ދުވަހު ނުކައި ނުބޮއެ ހުރި ހުރުން ފުރިހަމަކޮށްލާ ވަގުތަކަށް ނުހަދާށެވެ. ދުވަހުގެ ފާއިތުވި ވަގުތު ނުކައި ހުރިކަން ހަނދާން ނައްތާލާށެވެ. އާންމުކޮށް ކާ ވަގުތެއްގައި ކައި މިންވަރަށް ހަމަޖެހިލައިގެން ކާށެވެ.

ކަދުރުން ރޯދަ ވީއްލާށެވެ. އެއީ ހަށިގަނޑަށް ވަރަށް އަވަހަށް ހަކަތަ ލިއްބައިދޭ އެއްޗެކެވެ. އޭގެ ފަހުން ކުޑަ އެތިކޮޅުކޮޅުން ކާށެވެ. ކާބޯހައިޑްރޭޓްސް ގިނަ ކާނާއާ ދުރުހެލިވާށެވެ. ތަރުކާރީ އާއި މޭވާގެ ބާވަތްތައް އިތުރުކުރާށެވެ.

ރޯދަ ވީއްލައި، ނަމާދުކުރުމަށް ފަހު އަރާމުކޮށްލާށެވެ. އޭގެ ފަހުން ކުޑަ ވަގުތުކޮޅަކު ހިނގާލުން ފަދަ ކަމެއް ކޮށްލުން ރަނގަޅުވާނެ އެވެ.

ހާރު ނުކައި ރޯދަޔަށް ހުންނަ ފަސޭހައޭ ބައެއް މީހުން ބުނެ އެވެ. އެކަމަކު ހާރު ނުކައި ރޯދަޔަށް ހުރެފި ނަމަ ރޯދަ ވީއްލާ ވަގުތު މާގިނައިން ކެވޭ ގޮތް މެދުވެރިވެ އެވެ. ކާބޯހައިޑްރޭޓްސް ހުންނަ ކާނާ ބޭނުކުރާށެވެ. އެއީ ދުވާލު ބަނޑުހައިވުން ކުޑަކުރުމަށާއި ލޭގައި ގުލްކޯޒްގެ މިންވަރު އެއް ހަމައެއްގައި ހިފެހެއްޓުމަށް އެހީއެއްގެ ގޮތުންނެވެ.

ރޯދަ މަހަކީ ކަންނެތްވެ، އަބަދު އޮށޯވެ އޮންނަންޖެހޭ މަހެއް ނޫނެވެ. ކޮންމެ ދުވަހަކު ވެސް އާންމުކޮށް ކޮށް އުޅޭ މަސައްކަތްތައް ކުރަންވީ އެވެ. އެކަމަކު ގަދަ ހޫނުން ރައްކާތެރިވާށެވެ. އަދި ރޯދަ ވީއްލުމަށް ފަހު ބައި ގަޑިއެއްހާއިރު ފަހުން ލުއި ކަސްރަތެއް ކޮށްލާށެވެ. ނުވަތަ ޕާސަނަލް ޓްރެއިނަރުގެ ލަފަޔާ އެކު، ކުރާނެ ކަސްރަތެއް ކަނޑައަޅާށެވެ.

ރޯދަމަހު ހަށިގަނޑު ބަރުވާ މައިގަނޑު ސަބަބަކީ ރޯދަ ވީއްލާއިރު ކާއެއްޗެއްސެއް ނޫނެވެ. އެއީ ރޯދަމަހު ބޯ، ހަކުރު އެޅި ފަނިތަކާއި ޖޫސް އަދި ފޮނިކާތަކެއްޗެވެ. ރޯދަމަހަކީ ތަރުކާޒީ އާއި މޭވާ ގިނައިން ބޭނުންކުރާ މަހަކަށް ހަދަން އަޒުމު ކަނޑައަޅާށެވެ. އަދި ޕްރޮސެސްކޮށްފައި ހުންނަ ކާނާއާ ދުރުހެލިވާށެވެ. (އަލް އަރަބިއްޔާ)