12 ސެޕްޓެމްބަރ 2024 - 10:16

ކުށުގެ އެކި ތުހުމަތުތަކުގައި މީގެ ކުރިން 99 ފަހަރު ހައްޔަރުކޮށްފައިވާ މީހަކު ވައްކަމުގެ ތުހުމަތެއްގައި 100 ވަނަ ފަހަރަށް ހައްޔަރުކޮށްފި އެވެ.
އުމުރުން 33 އަހަރުގެ ވާރިޝް ޝަމްސުއްދީން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި އަމުރުގައިވާ ގޮތުން މިފަހަރު މީގެ ކުރިން އޭނާ ވަނީ 99 ފަހަރު ހައްޔަރުކޮށް އަދި އޭގެ ތެރެއިން 39 ފަހަރު ބަންދުގެ މުއްދަތު އިތުރުކޮށް، ބަންދުގައި ބަހައްޓައިފަ އެވެ.
ވާރިޝް 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރުގައިވާ ގޮތުން އޭނާ މިފަހަރު ހައްޔަރުކުރީ ބަލައި ފާސްކުރި އިރު، ވަގަށް ނަގާފައިވާ އަތުކުރީ ހަތަރު ގަޑި އާއި ފޯނެއް ޖީބުން ފެނުމުންނެވެ.
ފުލުހުން ކޯޓުގައި އެހެން ބުންޏަސް ވާރިޝް ކޯޓުގައި ބުނީ ވައްކަންކުރި ކަމަށް ބުނާ ގެއަށް ވަނީ ރައްޓެއްސަކު ބުނެގެން ކަމަށާއި ފޯނަކީ މަގުމަތީގައި އޮތް ފޯނެއް ކަމަށެވެ. އެ ގެ އަށް ވަނީ ވައްކަން ކުރަން ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން ވާރިޝްއަށް ވަނީ އަނިޔާތަކެއް ވެސް ވެފަ އެވެ. އެއީ ކިހިނެއް ލިބުނު އަނިޔާތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ. މި އަނިޔާތަކަށް ބޭސްފަރުވާކުރުމުގެ އިންތިޒާމް ހަމަޖައްސަން ފަނޑިޔާރު ވަނީ އަންގަވައިފަ އެވެ.