ކުޅުދުއްފުށީގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
ކުޅުދުއްފުށީގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

މަރުވެފައި އޮއްވައި ހދ. ކުޅުދުއްފުށީ ފަޅުތެރެއިން ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން އޭނާގެ ހަށިގަނޑު މާލެ ގެންނަން ފުލުހުން ނިންމައިފި އެވެ.

ކުޅުދުއްފުށީ އުތުރު ބަނދަރުގެ ފަޅު ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އެ ރަށު ޑެއިޒީފެހި، މުހައްމަދު ހަސަން އެވެ. އުމުރުން 36 އަހަރުގެ އެ މީހާ މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓުކުރީ ހެނދުނު 8:30 ހާއިރު އެވެ.

ފުލުހުން ބުނީ އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިރޭ މާލެ ގެންނާނެ ކަމަށެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ކުރިން ބުނި ގޮތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާތީ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެކަމަކު އެރަށުން "މިހާރު" އަށް ވާހަކަ ދެއްކި މީހަކު ބުނީ، އޭނާގެ ހަށިގަނޑު މޫދުން ނެގިއިރު ވެސް އޮތީ ވަރަށް ބޮޑަށް "ހަރުވެފައި" ކަމަށެވެ. އެހެންވެ، ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ކަމަށް އެމީހުން ވެސް ތުހުމަތުކުރެ އެވެ.