ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ހުޅުވާލައިފި، ދެހާހަށް ވުރެ ގިނަ މީހުން އިންތިހާބުކުރޭ
ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ހުޅުވާލައިފި، ދެހާހަށް ވުރެ ގިނަ މީހުން އިންތިހާބުކުރޭ

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަން ކުރައްވާ ޕީއެންސީން ބާއްވާ އެތެރޭގެ އިންތިހާބުގައި ވާދަކޮށް، މަގާމުތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ޕާޓީގެ އިންތިހާބީ ކޮމިޓީގެ ރައީސް އަދި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވި ގޮތުގައި މި އިންތިހާބު ވާނީ މިހާތަނަށް ޕާޓީއެއްގެ އެތެރޭގެ އެންމެ ބޮޑު އިންތިހާބަށެވެ. އެ އިންތިހާބުގައި 2،095 މަގާމަކަށް މީހުން އިންތިހާބު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނެ އެވެ. ދާއިރާތައް ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައަޅާފައިވާ އުސޫލުންނެވެ. އެ ދާއިރާއެއްގެ މަޖިލިސް މެންބަރަށް އޮޓޯއިން ޕާޓީގެ ދާއިރާގެ ރައީސްކަން ލިބެ އެވެ.

އިންތިހާބު ބާއްވާނީ މަޖިލިސް މެންބަރުން ނެތް ދާއިރާތަކުގަ އެވެ. ނަމަވެސް، ދާއިރާގެ ނައިބު ރައީސުން ހޮވަން ހުރިހާ ދާއިރާއެއްގެ އިންތިހާބު ވެސް އޮންނާނެ އެވެ. ސްޓިއަރިން ކޮމިޓީތައް ވެސް އިންތިހާބު ކުރަން ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން ކޮންމެ ރަށެއްގެ ޒުވާނުންގެ ހަރަކާތުގެ ރައީސް އާއި އަންހެނުންގެ ހަރަކާރުގެ ރައީސް އަދި ސިޓީތަކުގެ ކޮންމެ ދާއިރާއަކުން ޒުވާނުންގެ ހަރަކާތުގެ ރައީސް އާއި އަންހެނުން ހަރަކާތުގެ ރައީސުން އިންތިހާބު ކުރާނެ އެވެ. އެއީ 420 މަގާމެވެ.

ކޮންމެ ރަށަކުން ސްޓިއަރިން ކޮމިޓީއެއް ހޮވައި، އެ ކޮމިޓީތަކަށް ވެސް މެންބަރުން އިންތިހާބު ކުރަން ވަނީ ނިންމައިފަ އެވެ. ޕާޓީން އުސޫލު ހަދާފައިވާ ގޮތުން 3،000 އަށް ވުރެ ބޮޑެތި އާބާދީތަކުން ނުވަ މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލާނެ އެވެ. އެ އަށް ވުރެ އާބާދީ މަދު ރަށްތަކުން ހަތް މެންބަރުންގެ ކޮމިޓީއެއް ހޮވާނެ އެވެ.

ސިޓީތަކުން ކޮންމެ ދާއިރާއަކުން ނުވަ މެންބަރުންގެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލާނެ އެވެ. މި ކޮމިޓީތަކަށް 1،564 މެންބަރުން އިންތިހާބު ކުރަން ޖެހެ އެވެ.

ހަލީލު ވިދާޅުވި ގޮތުގައި އިންތިހާބުގައި ކުރިމަތިލެވޭނީ މި މަހުގެ 30 ވަނަ ދުވަހަށް ޕީއެންސީގެ މެންބަރަކަށް ވާ މީހުންނަށެވެ. އިންތިހާބު ވޯޓު ލެވޭނީ ވެސް އެ މުއްދަތުގައި ޕާޓީގެ މެންބަރެއްގެ ދަފުތަރުވާ މެންބަރުންނަށެވެ.

ދާއިރާތަކުގެ ރައީސުންގެ މަގާމަށް ކުރިމަތިލާ މީހުން ޕާޓީއަށް މުޅިން އާ 50 މީހުންގެ ފޯމު ހުށަހަޅަން ޖެހޭއިރު، ނައިބު ރައީސް ކަމަށް ކުރިމަތިލާ މީހުން 25 މީހުންގެ ފޯމް ހުށަހަޅަން ޖެހެ އެވެ. ޕީއެންސީގެ އަމާޒަކީ އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަށް ހެދުމެވެ.

ޕީއެންސީއިން ބުނާ ގޮތުން އެ ޕާޓީގައި މި ވަގުތު 30،000 މީހުން ތިބިއިރު، މިހާރު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ އާ ފޯމުތަކާ އެކު މެންބަރުންގެ އަދަދު މިހާރު 50،000 އަށް އަރާނެ އެވެ. ޕީއެންސީގެ އަމާޒަކީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް 75،000 މެންބަރުން ހަމަކުރުމެވެ.