ލެސްޓާގެ ކޯޗަކަށް ހޮޖްސަން ގެންނަން މަޝްވަރާކުރަނީ
ލެސްޓާގެ ކޯޗަކަށް ހޮޖްސަން ގެންނަން މަޝްވަރާކުރަނީ

ލަންޑަން (މާޗް 1) - ލެސްޓާ ސިޓީގެ ކޯޗުކަން އިންގްލެންޑް ގައުމީ ޓީމުގެ ކުރީގެ ކޯޗު ރޯއީ ހޮޖްސަން އަށް ދޭން އެ ކްލަބުން ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލެސްޓާ ކޯޗުކަމުން ކްލައުޑިއޯ ރަނިއޭރީ ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ރަނިއޭރީ ވަކިކުރުމަށް ފަހު ވައިސް ޗެއާމަން ތައިލެންޑުގެ ބިލިއަނަރު ވިޗާއި ސްރިވަދައްނަޕްރަބަ ވިދާޅުވީ އެ ޓީމަށް ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.

އެސިސްޓަންޓް ކޯޗު ކްރެއިކް ޝޭކްސްޕިއާގެ އިރުޝާދުގެ ދަށުން ލެސްޓާ ވަނީ މިދިޔަ ހޯމަ ދުވަހުގެރޭ ލިވަޕޫލް އަތުން 3-1 އިން މޮޅުވެފަ އެވެ. އެ މެޗު ބެލުމަށް ލެސްޓާގެ ޗެއާމަން ސްރިވަދައްނަޕްރަބަ އާއި ޗީފް އެގްޒެކްޓިވް ސޫސަން ވީލާ އަދި ޑިރެކްޓާ އޮފް ފުޓްބޯލް ޖޯން ރުޑްކިން ވަނީ ދަނޑަށް ގޮސްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ލެސްޓާގެ ޗެއާމަން ސްރިވަދައްނަޕްރަބަ އާއި ޑިރެކްޓަރު ރުޑްކިން ވަނީ ހޮޖްސަންއާ އެ ޓީމު ހަވާލުކުރަން މަޝްވަރާތައް ބާއްވައިފަ އެވެ. އަދި ހޮޖްސަން އަށް ތިން އަހަރުގެ އެއްބަސްވުމެއް ދިނުމަށް ވަނީ ވާހަކަ ދެކެވިފަ އެވެ.

މިދިޔަ އަހަރުގެ ޔޫރޯ އަށް ފަހު އިންގްލެންޑް ކޯޗުކަމުން ވަކިވި ފަހުން ހޮޖްސަން ހުރީ ޓީމަކާ ހަވާލުނުވެ އެވެ. އުމުރުން 69 އަހަރުގެ ހޮޖްސަން ހޯދުމަށް މި ސީޒަން ފެށުމުގެ ކުރިން ސްޕެއިނުގެ ބައެއް ކްލަބްތަކާއި ޗައިނާ ކްލަބްތަކުން މަސައްކަތްކުރި އެވެ.

ހޮޖްސަން ވަނީ މީގެ ކުރިން ޕްރިމިއާ ލީގުގެ ހަތަރު ކްލަބަކަށް ކޯޗުކޮށްދީފަ އެވެ. އެއީ ބްލެކްބާން ރޯވާސް، ފުލަމް، ލިވަޕޫލް އަދި ވެސްޓް ބްރޮމްވިޗް އެލްބިއަން އަށެވެ. މީގެ އިތުރުން އޭނާ ވަނީ ޔޫއޭއީ އާއި ސްވިޒަލެންޑުގެ ގައުމީ ޓީމަށާއި އިންޓަ މިލާނަށް ވެސް ކޯޗުކޮށްދީފަ އެވެ.