10 ސެޕްޓެމްބަރ 2024 - 21:30

ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށަށް ގޮސް ތަހުގީގު ފަށައިފި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، ފުލުހުންގެ ޓީމު އެ ރަށަށް އައިސްފައިވަނީ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ޒަކިއްޔާގެ ހަށިގަނޑު އަދިވެސް އޮތީ އެ ރަށު ހެލްތު ސެންޓަރުގައި ކަމަށާއި، ރަށަށް ދިޔަ ޓީމު ވެސް އެތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި، ފުލުހުން މިހާރު ދަނީ ފޮރެންސިކް ހެކި އެއްކުރަމުންނެވެ. އެކަމަކު ޒަކިއްޔާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމި ކަމެއް ނޭނގެ އެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން މާ ގިނަ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އެރަށުން "މިހާރު" އަށް ކުރިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ ގޭގެ ކުނި ނަގަން ގޭތެރެއަށް ވަން ބިދޭސީންތަކަކަށެވެ. އޭރު އޭނާ ވެއްޓިފައި އޮތީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިއަށެވެ.
"މަސް ކަނޑަން ގެންގުޅޭ ބޮޑު ވަޅިއެއް ކައިރީގައި އޮތް. ކަރުގައި ވަރަށް ބޮޑަށް ވަޅި އަޅާފައި ހުރީ،" އެ މީހާ ބުންޏެވެ.
ޒަކިއްޔާ މަރުވި އިރު ފިރިއަކާއި ދެ ކުދިންގެ އިތުރުން މާމަ ދަރިން ވެސް ތިބެ އެވެ. އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވުނަސް އެކަމަށް އެއްވެސް ފަރުވާއެއް ހޯދަމުން އައި ކަމެއް ސާފެއް ނޫނެވެ.
މިދިޔަ އަހަރު އުމްރާގެ އަޅުކަން ވެސް ފުރިހަމަކޮށްފައިވާ ޒަކިއްޔާގެ އާއިލާ އަކީ ރަށުގައި ފުދިގެން އުޅޭ ތަނަވަސް އާއިލާއެއްގެ މީހެއް ކަަމަށް ވެސް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.