ލޯބިކަން: ހިތުގެ ފުންމިނުން ލޯބީގެ މެސެޖެއް
ލޯބިކަން: ހިތުގެ ފުންމިނުން ލޯބީގެ މެސެޖެއް

އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)ގެ އެންމެ ފަހުގެ ލަވަ "ލޯބިކަން" އެއީ ކޮޕީއެއް ކަމަށް އެއްބަޔަކު އެބަ ކިޔަ އެވެ. ކުޑަ އިއްބެގެ މިއުޒިކަށް، އޭނާގެ އަޑުން ލަވަ ކިޔައި އަދި ވީޑިއޯ ވެސް ކުޅެފައިވާ މި ލަވަ އޮތީ ހިންދީ ފިލްމު "އެއާ ލިފްޓް" ގެ ސޯޗް ނާ ސާކޭ ލަވައިގެ މިއުޒިކު ނަކަލުކޮށްފައި ކަމަށް ކުރާ ތުހުމަތަށް ކުޑައިއްބެ އެއްބަހެއް ނުވެ އެވެ.

މިފަހަރު އެ ބަހުސެއް ނޫނެވެ. ކޮޕީއަކަށް ވިޔަސް، މޮޑިފައިކޮށްފައި އޮތަސް މި މައުލޫމާގައި މައްސަލައެއް ނެތެވެ. މިއީ ލަވައިގެ ޅެމުގެ ވާހަކަ އެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގެ އެންމެ ގަދަ އަޑުގެ ގޮތުގައި މަޝްހޫރު ވެފައިވާ އަލީ ވަހީދުގެ މި ޅެން ވަރަށް މަޑުމައިތިރި އެވެ. މީގެ ކުރިން ވެސް ބައެއް ލަވަތައް ހައްދަވާފައިވާ އަލީ ވަހީދުގެ "ލޯބިކަން" ހަމަ ހަގީގަތުގައި ވެސް ލޯތްބެވެ. މިއީ މި ފަހުން އިވުނު އެންމެ ހިތްގައިމު އެއް ޅެމެވެ. ލަވައިގެ މައިގަނޑަކީ މިއީ އެވެ؛

- މަހިނޫރެއްހާ ލޯބިކަމޭ، ކޮހިނޫރެއްހާ ޗާލުކަމޭ

- އިހި ކަނދުރާގެ ރީތިކަމޭ، ލޮލުގައިވާ ތި ތޫނު ކަމޭ

- ތީމަގެ ދުނިޔެހެން ހީވެޔޭ، ތީމަގެ ހިތުގެ ދިރުމޭ އިނގޭ

- ކުރަން ސިފަ ގަލަމަކަށް ނޭނގޭ، ތީ ފަރި ލޯބިވާ މަގޭ

- ތީމަގެ ދުނިޔެހެން ހީވެޔޭ، ތީމަގެ ހިތުގެ ދިރުމޭ އިނގޭ

- ކުރަން ސިފަ މި ދުލަކަށް ނޭނގޭ، ތީ ފަރި ލޯބިވާ މަގޭ

ޅެން އަމާޒުވަނީ އަލިމަހެއް ފަދަ ރީތިކަން ލިބިފައިވާ އަންހެނަކަށެވެ. އިހި ކަނދުރާ އާއި ތޫނު ލޮލެއްގެ ވެރިއެކެވެ. ބުނަނީ، އެއީ ދުނިޔެ ނުވަތަ ހިތުގެ ދިރުން ކަމަށް ބުނުން ފިޔަވައި އެ ރީތިކަން ސިފަކޮށްދޭން ވެސް ނޭނގޭ ކަމަށެވެ. އެ ރީތި އިންސާނާ ދެކެ ލޯބި ވެވޭކަން އެބަ އެނގެ އެވެ.

ނިމުންތައް އެއްގޮތްކޮށްފައިވާ މައިގަނޑަށް ފަހު ދެން އޮތީ ފުރަތަމަ ކަޑި އެވެ؛

- މަލްމަލްގެ ނަލަކަން ފެންނަނީ، ސުންދުސްގެ ފޭރާން ޖާދުވީ

- މާތައް ލަދުން ގޮސް މޯޅިވީ، ގާތަށް އުދުހި ދާން ބޭނުމީ

- ތީމަގެ ރޫހު ހެން ހީވެޔޭ، ތީމަގެ ހިތުގެ ދިރުމޭ އިނގޭ ...

މަލްމަލް ނުވަތަ މަހުމާ ފޮތީގައި ހުންނަ މަޑު އަދި އޮމާންކަމާ އެކު އެއީ ހިތްގައިމު އަރާމު ފޭރާމެކެވެ. އެހެންވެ "މަލްމަލްގެ ނަލަކަން" ސިފަކޮށްފައި ވަނީ އެ ޒުވާނާއާ ގަޔާވާ މިންވަރު ހާމަކޮށްދިނުމަށް ކަމަށް ވެދާނެ އެވެ. އެއާ ގުޅުވައިގެން ގެނެސްފައި ވަނީ ސުންދުސްގެ ފޭރާމުގެ ވާހަކަ އެވެ. އެއީ ފަށުއި ފޭރާމުގެ ވާހަކަ އެވެ. އަޖައިބުވާ ފަދަ ރީތިކަން ފެނި މާތައް ވެސް މޯޅިވީ އެވެ. ބޭނުންވީ އޭނާގެ ގާތަށް އަވަހަށް ދާށެވެ.

އަނެއްކާވެސް ބުނަނީ އެއީ ދުނިޔެ، ހިތުގެ ދިރުން ނުވަތަ ރޫހު ކަމަށް ވެދާނެ ކަމަށެވެ. ކުރެވޭ އިހްސާސް ބުނެދޭން ވެސް ނޭނގޭ ވާހަކަ ތަކުރާރުކޮށްފައިވެ އެވެ.

ދެން އެންމެ ފަހު ކަޑި އެވެ؛

- ހިރިލާ އެ ރާޅުގެ މިއުޒިކޭ، ބީހޭ މި ރޯޅިން ހިތް ތެޅޭ

- ނިންޖާ އަރާމޭ ގެއްލެނީ، ވިންދާ ހިތާއޭ ވަކިވަނީ

- ތީމަގެ ހިޔަނިހެން ހީވެޔޭ، ތީމަގެ ހިތުގެ ދިރުމޭ އިނގޭ ...

މިއީ ޖަވާހިރެއް ފަދަ ޒުވާނާ އަކު ހޭދަކުރި ވަގުތުގެ ވާހަކަ ކަމަށް ބަލަމާ ހިނގާށެވެ. މަޑުމަޑުން ބީހިލާ ރާޅާއި އެ ރާޅާ އެކު އުފެދޭ ހިތްގައިމު މިއުޒިކެވެ. ލުއި ރޯޅިތަކާ އެކު ތެޅެނީ ހިތެވެ. ނިންޖާއި އަރާމު ގެއްލި ހިތުގެ ވިންދު ވެސް ވަކިވާން އުޅޭ ކަހަލަ އެވެ. އަމިއްލަ ހިޔަނި ފެނުނަސް އެ ޒުވާނާހެން ހީވާ ވަރަށް އިންތިޒާރު ކުރެވެނީ އެވެ. އެއާ ބުނަނީ އަނެއްކާވެސް އެ އިހްސާސްތައް ސިފަކޮށްދެވެން ވެސް ނެތް ކަމަށެވެ.

ލަވަ ނިންމާލަނީ އިއްބެގެ ކުރީގެ ލަވައެއްގެ ތަންކޮޅަކުންނެވެ. އެއީ "އެދެމޭ ކަލާޔާ ގާތުގައި ވުމަށް، ފެންނާތީ ޔާރާގެ މޫނު" އެވެ. ނިންމާލަމުން ބުނަނީ ގާތުގައި ވުމަށް އެދޭ ކަމަށެވެ. އެއީ މިހާތަނަށް ފެނުނު ޖާދޫގެ މޫނު ކަމަށް ބުނަމުން ލަވަ ނިންމާލަނީ އެވެ.

ޅެމުގައި ކިޔައިދީފައިވާ ވާހަކަޔާ ގުޅޭ ފަދަ ރާގަކަށް، އެ އިހްސާސްތަކާ އެކު އިއްބެ ކިޔާފައިވާ ގޮތުން ލަވައިގެ "ލޯބިކަން" އިތުރުވެފައިވާކަން އެއީ ހަގީގަތެކެވެ. އެކަމަކު ޅެމުގައި ހަމަޔަށް ފެއްތުމަށް، އެ، މި ފަދަ ލަފްޒުތައް ތަންކޮޅެއް ގިނަކަން ފާހަގަވެ އެވެ. އެކަމަކު މިއީ ރީތި ހަމަ ރީތި ޅެމެކެވެ.