"ޒަކިއްޔާ މަރުވެފައި އޮތް އިރު ކައިރީގައި ބޮޑު ވަޅިއެއް އޮތް"
"ޒަކިއްޔާ މަރުވެފައި އޮތް އިރު ކައިރީގައި ބޮޑު ވަޅިއެއް އޮތް"

ހޮޅުދޫން ވާހަކަ ދެއްކި އެހެން މީހަކު ވެސް "މިހާރު" އަށް ބުނީ ޒަކިއްޔާގެ ނަފުސާނީ މައްސަލަތަކެއް ހުންނަ ކަމަށް. މިދިޔަ އަހަރު އުމްރާގެ އަޅުކަން ފުރިހަމަ ކޮށްފައިވާ ޒަކިއްޔާގެ އާއިލާއަކީ ތަނަވަސް އަދި ފުދިގެން އުޅޭ އާއިލާއެއް ކަމަށް އޭނާ ބުނި.

"ފިރިމީހާގެ މަސްދޯނި ހުންނާނެ. ކޮންޓްރެކްޓަ މަސައްކަތް ކުރާނީ ރަށުގައި،" އޭނާ ބުންޏެވެ.

ޒަކިއްޔާގެ ތިބެނީ ދެ ފިރިހެން ކުދިން. އޭގެ ތެރެއިން އެއް ކުއްޖަކު ދިރިއުޅެނީ ޒަކިއްޔާގެ ދެމަފިރިންނާ އެކު އެއް ގެއެއްގައި. އަނެއް ކުއްޖާ ދިރިއުޅެނީ މާލޭގައި. ރަށުގައި ޒަކިއްޔާގެ ދެމަފިރިންނާ އެކު ގޭގައި ދިރިއުޅެނީ ދަރިފުޅާއި އޭނާގެ އަންހެނުން އަދި މާމަ ދަރިފުޅު.

މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ ދެ ކުއްޖަކާއި ދެ މާމަ ކުދިން އަދި ފިރިއެއް ވެސް ހުރޭ.

"ވަރަށް ރަނގަޅަށް އުޅޭ އާއިލާއެއް އެއީ. އެކަމަކު، ޒަކިއްޔާގެ ނަފުސާނީ މައްސަލަ ހުންނަ ކަމަށް ރަށުތެރޭގައި ކިޔައި އުޅޭ. އެކަމަކު ފަރުވާ ހޯދާ ކަމެއް ނޫން ކަމެއް ނޭނގޭ އަޅުގަނޑުމެންނަކަށް،" ހޮޅުދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޒަކިއްޔާގޭގައި އެ ވަގުތު މީހުން އުޅުނު ނަމަވެސް ބެލެވޭ ގޮތުގައި ބައެއް މީހުން ތިބީ ނިދާފައި. އަނެއް ބަޔަކު ތިބީ އޮފީހަށް ގޮސްފައި.

ހޮޅުދޫން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ ރަށު ނިއު ލައިފް ޒަކިއްޔާ މޫސާ މަރުވެފައި އޮއްވާ ފެނުނީ އެ ގޭގެ ކުނި ނަގަން އެ ވަގުތު ވަން މުނިސިޕަލް މުވައްޒަފުންނަށް ކަމަށް. އޭރު ޒަކިއްޔާ އޮތީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިއަށް ވެއްޓިފައި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުނި.

"މަސް ކަނޑަން ގެންގުޅޭ ބޮޑު ވަޅިއެއް ކައިރީގައި އޮތް. ކަރުގައި ވަރަށް ބޮޑަށް ވަޅި އަޅާފައި ހުރީ،"

ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު، އަންހެން މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ޒަހަމްތަކަކާ އެކު އޮއްވައި ފެނުނީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، އެ އަންހެން މީހާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ. އެ ގޭގައި އެހެން މީހުން ވެސް ދިރިއުޅޭ ކަމަށް ވެ އެވެ.

ފުލުހުން ބުނިގޮތުގައި ހޮޅުދޫގައި ޒަހަމްތަކަކާ އެކު، އަންހެނަކު އޮތްކަމުގެ ރިޕޯޓު މިއަދު ހެނދުނު 10:10 ގައި ލިބިގެން ފުލުހުން އެޓެންޑްވި އެވެ. އެ މީހާ ހޮޅުދޫ ހެލްތު ސެންޓަރަށް ގެންދިޔަ ނަމަވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

"އެ މީހާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިދަނީ ބަލަމުން،" މީޑިއާތަކަށް ހާއްސަ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖުގައި ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންގެ ފޮރިންސިކް ޓީމެއް ވެސް ހޮޅުދޫގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.