13 ޖޫން 2016 - 10:59

ލިޔޯން (ޖޫން 13) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ޔޫކްރޭނާ ދެކޮޅަށް ޖަރުމަނުގެ ފަރާތުން ފެނުނީ އެންމެ ރަނގަޅު ކުޅުން ނޫން ކަމަށާއި އެކަމަކު ކުރިއަށް ހުރި މެޗުތަކުގައި އެ ޓީމު ފެންނާނީ ތަފާތުކޮށް ކަމަށް ޖަރުމަނު ޓީމުގެ ކޯޗު ޔަކިމް ލޯ ބުނެފި އެވެ.
ޔޫކްރޭން އަތުން ޖަރުމަނު މޮޅުވީ 2-0 އިންނެވެ. މި މެޗުގައި ޔޫކްރޭނުން ވަނީ ގިނަ ހަމަލާތަކެއް ޖަރުމަނު ގޯލަށް އަމާޒުކޮށް ފޮނުވާލައިފި އެވެ. ރޭގެ މެޗަށް ފަހު ލޯ ބުނީ މެޗަށް ނުކުތްއިރު ޓާގެޓަކީ މޮޅަކާ އެކީ މުބާރާތް ފެށުން ކަމަށެވެ.
"ޓާގެޓް ހާސިލްވެއްޖެ. އެއީ ތިން ޕޮއިންޓާ އެކު މުބާރާތް ފެށުން. މިއީ އެންމެ ރަނގަޅަށް ޖަރުމަނު ކުޅުނު މެޗަށް ނުވެދާނެ. އެކަމަކު ކުރިއަށް ހުރި މެޗުތަކުގައި މި ޓީމު ފެންނާނީ ތަފާތުކޮށް،" ލޯ ބުންޏެވެ.
ރޭގެ މެޗުގައި ޖަރުމަނުގެ ޑިފެންޑަރު ޖެރޯމް ބޯޓެން އާއި ބަސްޓިއަން ޝްވައިންސްޓައިގާ ދެއްކި ކުޅުމަށް ލޯ ވަނީ ތައުރީފްކޮށްފަ އެވެ.
"މި މެޗުން އަހަރެމެން ސަލާމަތްވީ ބޯޓެންގެ ސަބަބުން. އޭނާ ގޯލު ރޮނގުމަތިން ދިފާއުކުރި ބޯޅަ އަކީ މެޗު ބަދަލުވާނެ ފަދަ ވަގުތެއް. އެކަމަކު ބޯޓެން އޭނާގެ ޒިންމާ އަދާކޮށްފި. ދެން މި މެޗުގައި ޝްވައިންސްޓައިގާގެ ލަނޑެއް ފެނުނީ އޭނާ މި މެޗުން ޖާގަ ހޯދުމަށް ފާއިތުވި ދެ ހަފްތާގައި ކުރި މަސައްކަތުން. އޭނާ އަކީ ޓީމަށް ބޭނުންތެރި ކުޅުންތެރިއެއްކަން ސާބިތުކޮށްދީފި،" ލޯ ބުންޏެވެ.
ގްރޫޕް ސްޓޭޖުގައި ޖަރުމަނު ކުޅޭ ދެ ވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ. ޕޮލެންޑު ވަނީ ރޭ ނޮދަން އަޔަލެންޑް އަތުން 1-0 އިން މޮޅުވެފަ އެވެ.