01 މާޗް 2017 - 11:51

ޕެރިސް (މާޗް 1) - ފްރާންސްގެ ރައީސް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ގެންނަން ކަމަށް ބުނެ ބޭކާރު މަސައްކަތެއް ބަޔަކު ފަށައިފި އެވެ.

ފްރާންސްގެ ރައީސް ކަމަށް އޮބާމާ ގެންނަން ކަމަށް ބުނެ ބަޔަކު ފަށާފައިވާ މަސައްކަތުގައި އޮންލައިން ޕެޓިޝަނަށް 42،000 މީހުންގެ ތާއީދު މިހާރު ވަނީ ލިބިފަ އެވެ. ކެމްޕޭން ޕޯސްޓަރުތަކުގައި ވެސް ބޭނުން ކުރަނީ 2008 ވަނަ އަހަރު އޮބާމާ ބޭނުން ކުރެއްވި "އާދެ، އަޅުގަނޑުމެންނަށް ކުރެވޭނެ" މި ޝިއާރެވެ. ޕެރިހުގެ އެކި ތަންތަނުން މި ސްލޯގަން މިހާރު ފެންނަން ހުރެ އެވެ.
މި ހުރިހާ ކަމެއް ބަޔަކު ކުރާ އިރު އޮބާމާ އަކީ ފްރާންސްގެ ރައްޔިތެއް ނޫނެވެ. އެހެންވެ އެ ގައުމުގެ ރިޔާސީ އިންތިޚާބުގައި އޮބާމާ އަށް ވާދަކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތެވެ. އެކަމަކު މި ބޭކާރު، މޮޔަ މަސައްކަތުގެ ފަހަތުގައިވާ މީހުން ބުނަނީ އެ މީހުން މިކަން ކުރަނީ ފްރާންސްގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ފަރާތުން އުއްމީދީ ކަންތައްތަކެއް ނުފެންނާތީ އެކަން ސަމާލު ކަމަށް ގެނައުމަށް ކަމަށެވެ.
ފްރާންސްގައި ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ މަހު 23 ގަ އެވެ. ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 ޕަސެންޓް ނުލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރުގައި ވޯޓުލާނީ މެއި 7 ވަނަ ދުވަހު އެވެ.
އިންތިޚާބުގައި ވާދަވެރިވާނެ ކަމަށް ބެލެވޭ ކެންޑިޑޭޓުންނަކީ ކަނާތު ފިޔައިގެ މަރިން ލެ ޕެން އާއި އޭނާގެ ވާދަވެރިޔާ ފްރާންސުވާ ފިލިއޮން އެވެ.
"އޮބާމާ2017" ކެމްޕޭން ފްރާންސްގައި ހިންގާ ފަރާތްތަކުން ބުނަނީ އެ މީހުންނަކީ އެއްވެސް ކެންޑިޑޭޓަކާ ދެކޮޅު ބައެއް ނޫން ކަމަށާއި މަޖަލަކަށް ހަދައިގެން ނަމަވެސް އެކަހަލަ ކަމެއް ކުރަނީ މީހުންގެ ހޭލުންތެރިކަން އިތުރު ކުރަން ކަމަށެވެ.