09 ސެޕްޓެމްބަރ 2024 - 15:39

އެޓާނީ ޖެނެރަލް އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް މީގެ ކުރިން ވެސް އެ މަގާމު ފުރުއްވި ސުލްތާނާ ޝާކިރު މިއަދު އައްޔަންކޮށްފި އެވެ.
އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ ލިޔުން ސުލްތާނާއާ ހަވާލު ކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް އަލީ ނާސިހެވެ.
ސުލްތާނާ ވަނީ 2012 އިން 2019 އަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވައިފަ އެވެ. މިއަދު މަގާމާ ހަވާލުވުމާ ހަމައަށް އޭނާ ހުންނެވީ ހައި ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމުގަ އެވެ.
ޖުޑީޝަރީ ދާއިރާގައި ގިނަ ދުވަސްތަކެއް ހިދުމަތް ކުރައްވާފައިވާ ސުލްތާނާ ވަނީ ނިއުޒިލޭންޑްގެ ޔުނިވާސިޓީ އޮފް ވައިކަޓޯއިން ބެޗެލާ އޮފް ސޯޝަލް ސައިންސަސް ފުރިހަމަކުރައްވައި، މެލޭޝިއާގެ ޔުނިވާސިޓީ އޮފް މަލާޔާ އިން މާސްޓަސް އޮފް ޕަބްލިކް ޕޮލިސީ ހާސިލް ކުރައްވައިފަ އެވެ.