01 މާޗް 2017 - 10:37

ސިފައިންގެ ގާނޫނަށް އިސްލާހު ގެނެސް ވޯޓުލުމުގެ ހައްގު ސިފައިންގެ ކިބައިން ނިގުޅައިގަންނަން އުޅެނީ އެ މުއައްސަސާގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ނެތުމުން ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުން ދީފައިވާ ހައްގަކުން ސިފައިން މަހްރޫމްކުރުން، އޭނާ ސިފަކުރެއްވީ "ހުދުމުހުތާރު އަމަލެއް"ގެ ގޮތުގަ އެވެ.
ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން ލިބިދީފައި އޮތް ހައްގަކުން ސިފައިން ވެސް މަހްރޫމެއް ނުކުރެވޭނެ އެވެ. އެ އިސްލާހާ ދެކޮޅު ހައްދަވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ 12 ވަނަ ހެވިކަމުގެ މުބާރަތް ފެށުމަށް ކަޅުތުއްކަލާކޮށީގައި ރޭގައި ބޭއްވި ރަސްމިޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސިފައިންގެ ގާނޫނުގައި ބުނާ 20 ވަނަ މާއްދާ އުވައިލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އެ ގޮތަށް ނިންމީ ސިފައިންނަކީ ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެ ގައުމަށް ހިދުމަތް ކުރުމަށް ހާއްސަވެގެން ތިބޭ ބަޔަކަށް ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާގައި ބުނެފައި ވަނީ ސިފައިންގެ ކޮންމެ މީހަކަށް ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނެފައިވަނީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.