06 ސެޕްޓެމްބަރ 2024 - 21:31

ފިރިހެނަކަށް ކޮޓަރިއަށް ދާން އަންހެނަކު ދައުވަތު ދިނުމަށްފަހު، އޭނާ އާއި އިތުރު މީހަކު ވެގެން އެ ފިރިހެންމީހާ އަތުން ބައިލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި އެވެ.
އެ މައްސަލާގައި އަންހެން މިހާގެ ވަނަވަރު ފުލުހުން އާންމުކޮށްފައިވާއިރު، ހައްޔަރުކޮށްފައިވަނީ އާއިޝަތު މަލްޖާ މޫސާ ދީދީ 27، ސ. މަރަދޫ، ކުންނާރުގެ އެވެ.
ޕޮލިހުން ބުނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު އައިޖީއެމްއެޗް ކައިރިން މަލްޖާ، ފިރިހެނަކު ހުއްޓުވާ އޭނާއަށް ކޮޓަރިއަށް ދިއުމަށް ދައުވަތު ދިނުމަށްފަހު، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓްހައުސް އަކަށް އެ ފިރިހެން މީހާ ގެންދިޔަ ކަމަށެވެ.
ގެންގޮސް ދިވެހި އެހެން ފިރިހެނަކާ ބައިވެރިވެގެން، އެ މީހާ ރަހީނުކޮށް އޭނާގެ ފޯނާއި ކޭޝްކާޑު އަތުލައި އޭނާގެ އެކައުންޓުން 53،000ރ. ފޭރިގެންފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަަށެވެ.
މަލްޖާ މޫސާ ދީދީ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
މި ފަހުން މީހުން ތަންތަނަށް ވައްދައިގެން ފޭރުމާއި ބިރުދެއްކުމުގެ ކުށްތައް މާލެ ސަރަހައްދުގައި ވަނީ ގިނަވެފަ އެވެ. އެ އަމަލުތައް ހިންގަނީ ގްރޫޕް ހަދައިގެން ކަން ވެސް ފުލުހުން މިހާތަނަށް ހާމަކުރި މައުލޫމާތުތަކުން އެނގެ އެވެ.
މިދިޔަ ޖުލައި މަހު ވެސް ވަނީ މާލޭގެ ގެއަކަށް މީހަކު ވައްދައި، އެ މީހާ ބަރަހަނާކޮށް، ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދުމަށް ފަހު އެކައުންޓްގައިވާ ފައިސާތައް ފޭރިފަ އެވެ. އެ ގެ އަކީ އެފަދަ މައްސަލަތަކުގެ ރެކޯޑު އޮންނަ ގެއެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.