ފީފާގެ ސަސްޕެންޝަން ވަލްކޭ އިސްތިއުނާފްކޮށްފި
ފީފާގެ ސަސްޕެންޝަން ވަލްކޭ އިސްތިއުނާފްކޮށްފި

ޒިއުރިކް (މާޗް 1) - ފީފާގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޖެރޯމް ވަލްކޭ އަށް ދީފައިވާ 10 އަހަރުގެ ސަަސްޕެންޝަނުގެ މައްސަލަ އޭނާ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި އިސްތިއުނާފް ކޮށްފި އެވެ.

ފްރާންސަށް އުފަން އުމުރުން 56 އަހަރުގެ ވަލްކޭ މި މައްސަލަ ސީއޭއެސް އަށް ހުށަހެޅުމަށް ފަހު ބުނީ އޭނާ އަށް ދީފައިވަނީ ހައްގު ނޫން އަދަބެއް ކަމަށެވެ.

"އަބަދުވެސް އަހަރެން ބުނަމުން މިއައީ މިއީ އަހަންނަށް ހައްގު އަދަބެއް ނޫނޭ. އިންސާފު ހޯދަން ހުރިހާ މަސައްކަތެއް ކުރާނަން،" ވަލްކޭ ބުންޏެވެ.

ވަލްކޭ މިދިޔަ އަހަރު މަގާމުން ވަކިކުރީ ވޯލްޑް ކަޕް ޓިކެޓް ބްލެކް މާކެޓްގައި ވިއްކާފައިވާކަން ފީފާއިން ހިންގި ތަހުގީގަށް ސާބިތުވުމުންނެވެ. އަދި ޓީވީ ރައިޓްސް އެއްބަސްވުންތަކުގައި ވެސް މަގާމުގެ ނުފޫޒު ބޭނުންކޮށް ކޮރަޕްޝަން ހިންގާފައިވާކަން ވަލްކޭގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

މި މައްސަލައިގައި ފީފާ އެތިކްސް ކޮމިޓީން ފުރަތަމަ ނިންމީ ވަލްކޭ 70،8000 ޕައުންޑުން ޖޫރިމަނާކޮށް 12 އަހަރަށް ސަސްޕެންޑް ކުރުމަށެވެ. އެހެން ނަމަވެސް ފަހުން އެ މައްސަލަ އަލުން ބަލައި 10 އަހަރަށް ސަސްޕެންޝަންގެ މުއްދަތު ކުޑަކޮށްދިނެވެ.

ފްރާންސްގެ މަޝްހޫރު ޓީވީ ސްޓޭޝަން ކެނަލް ޕްލަސްގެ ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތް ފެށި ވަލްކޭ ފީފާއާ ގުޅުނީ 2003 ވަނަ އަހަރު އެވެ. އޭނާ އެ ފަހަރު ހަވާލުވީ ފީފާގެ ޑިރެކްޓާ އޮފް މާކެޓިން އެންޑް ޓީވީގެ މަގާމާ އެވެ. ފީފާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ވަލްކޭ ހަވާލުވީ 2007 ވަނަ އަހަރު އެވެ.