05 ސެޕްޓެމްބަރ 2024 - 21:38

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި، ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަސް ބިދޭސީއަކު ގިނަ އަދަދެއްގެ ފައިސާއާ އެކު އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ އަތުން ފެނުނު ފައިސާ ލައްކައިން ގުނާލެވެ އެވެ. އަދި ގިނަ އަދަދެއްގެ ކްރެޑިޓް ކާޑު ވެސް އެ މީހުންގެ އަތުން ފެނުނު ކަމަށް ބުންޏެވެ.

މި މީހުން އަތުން ފެނުނު ފައިސާގެ ސީދާ އަދަދެއް ހާމައެއް ނުކުރެ އެވެ.
އިމިގްރޭޝަނުން އާންމުކުރި ފޮތޯތަކުން ފެންނަ ގޮތުގައި އެމެރިކާ ޑޮލަރާއި އެހެން ގައުމުތަކުގެ ކަރަންސީ ގިނަ އަދަދަކަށް ހުރި އިރު ދިވެހި ރުފިޔާގެ ވެސް ބޮޑެތި އަދަދުތަކުގެ ނޫޓުތައް ހުއްޓެވެ.
އިމިގްރޭޝަނުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށާއި މިކަމާ ގުޅޭ މައުލޫމާތު ފަހުން ދޭނެ ކަމަށެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ބިދޭސީންނަށް މަނާ ވިޔަފާރިތަކުގައި އުޅޭ މީހުން ހޯދަން ފަށާފައިވާ އޮޕަރޭޝަނުގައި މިފަދަ އެތައް ބަޔަކު މިހާތަނަށް ވަނީ އަތުލައިގެންފަ އެވެ.