އިންޑިއާ ކޯސްޓް ގާޑުގެ ހެލިކޮޕްޓަރެއް އަރަބި ކަނޑަށް ވެއްޓި ބަޔަކު މަރުވެއްޖެ
އިންޑިއާ ކޯސްޓް ގާޑުގެ ހެލިކޮޕްޓަރެއް އަރަބި ކަނޑަށް ވެއްޓި ބަޔަކު މަރުވެއްޖެ

އިންޑިއާގެ ކޯސްޓް ގާޑުގެ އެޑްވާންސްޑް ލައިޓް ހެލިކޮޕްޓަރު (އޭއެލްއެޗް) އެއް އަރަބި ކަނޑަށް ވެއްޓި ބަޔަކު މަރުވެއްޖެ އެވެ.

އިންޑިއާއިން ހަދިޔާކޮށް ރާއްޖޭގައި ވެސް ބޭނުންކުރާ ވައްތަރުގެ މި ހެލިކޮޕްޓަރު ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ވެއްޓުނީ އިންޑިއާގެ އުޅަނދެއްގައި ސީރިއަސް ޒަހަމްތަކެއް ވެގެން ހާލު ބޮޑުވެފައި އޮތް މީހަކު ބަލައި ދަނިކޮށް އިމަޖެންސީ ހާލަތުގައި ކަނޑަށް ޖެއްސުމުގެ ތެރޭގަ އެވެ. މި އެކްސިޑެންޓަށް ފަހު ސިފައިންގެ ތިން މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ރޭގެ ވަގުތެއްގައި ވަނީ ދެ މީހެއްގެ ހަށިގަނޑު ފެނިފަ އެވެ.

އިންޑިއާ ގަޑިން ރޭގަނޑު 11:00 ހާއިރު މި އެކްސިޑެންޓު ހިނގި އިރު ހަތަރު މީހަކު ހެލިކޮޕްޓަރުގައި ތިއްބެވެ. ހެލިކޮޕްޓަރު ވެއްޓެއް ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށް ކޯސްޓް ގާޑުން ބުންޏެވެ.

ގެއްލުނު މީހުން ހޯދަން ކޯސްޓް ގާޑުގެ ހަތަރު އުޅަނދަކާއި ދެ އެއާކްރާފްޓް ބޭނުންކޮށްގެން ކުރި މަސައްކަތުން ދެ މީހެއްގެ ހަށިގަނޑުގެ އިތުރުން ވެއްޓުނު ހެލިކޮޕްޓަރުގެ ބައިތައް ވެސް ވަނީ ފެނިފަ އެވެ. ސަލާމަތްވި މީހާ ފެނުނީ ހެލިކޮޕްޓަރުގެ ބައިތަކާ އެކުގަ އެވެ.

ވެއްޓުނު ހެލިކޮޕްޓަރުން މީގެ ދުވަސްކޮޅެއް ކުރިން ވަނީ އަރަބި ކަނޑުން ގަދަ ކޮޅިގަނޑެއްގައި ޖެހުނު އުޅަނދަކުން 67 މީހަކު ސަލާމަތްކޮށްފަ އެވެ.