ލިޔެކިޔުންތައް ބެލެހެއްޓުން ގޯސްކަމުން އެމެރިކާއިން މޫޑީސް އާއި ފިޗް ޖޫރިމަނާކޮށްފި
ލިޔެކިޔުންތައް ބެލެހެއްޓުން ގޯސްކަމުން އެމެރިކާއިން މޫޑީސް އާއި ފިޗް ޖޫރިމަނާކޮށްފި

ލިޔެކިޔުންތައް ބެލެހެއްޓުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ބުނެ އެމެރިކާގެ މާކެޓް ރެގިއުލޭޓާ ޔޫއެސް ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އިން މޫޑީސް އާއި ފިޗް އަދި އެސް އެންޑް ޕީ ހިމެނޭ ގޮތުން ހަ ރޭޓިން އެޖެންސީއަކަށް އަދަބު ދީފި އެވެ.

މަޝްހޫރު ހަ ރޭޓިން އެޖެންސީއެއް ޖުމްލަ 49 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ އެ ފާމްތަކާއި އެތަންތަނުގެ ވެރިން އުސޫލުތަކާ އެއްގޮތަށް އިލެކްޓްރޯނިކް ކޮމިއުނިކޭޝަން ގާއިމުކޮށްފައި ނެތުމާއި އެ ކަންކަމުގެ ރެކޯޑް ވެސް ނެތުމުން ކަމށް އެސްއީސީން އިއްޔެ ނެރުނު ބަޔާނުގައި ބުންޏެވެ.

އެންމެ ބޮޑު އަދަބެއް ދިނީ އެމެރިކާގެ އެންމެ ބޮޑު ތިން ރޭޓިން އެޖެންސީ ކަމަށްވާ މޫޑީސް، އެސް އެންޑް ޕީ އަދި ފިޗް އަށެވެ. މޫޑީސް އާއި އެސް އެންޑް ޕީ އިން ކޮންމެ ބަޔަކު 20 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެފައި ވާއިރު ފިޗް އިން ވަނީ އަށް މިލިއަން ޑޮލަރު ދައްކަން އެއްބަސްވެފަ އެވެ.

ޖޫރިމަނާ ކުރި އަނެއް ތިން އެޖެންސީއަކީ އެޗްއާރު ރޭޓިންގްސް ޑި މެކްސިކޯ، އޭއެމް ބެސްޓް ރޭޓިން ސާވިސަސް އަދި ޑެމޮޓެކް އެވެ. މި އެޖެންސީތަކަށް އައީ ވަރަށް ކުޑަ ޖޫރިމަނާއެކެވެ.

އެސްއީސީން ބުނީ އެ ކުންފުނިތަކުގެ އަމަލުތަކަކީ ފެޑެރަލް ސެކިއުރިޓީޒް ގާނޫނުގެ ރެކޯޑް ބެލެހެއްޓުމުގެ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށް ހުރިހާ ކުންފުންޏަކުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ހުރި ކަންކަން ރަނގަޅުކުރުމަށް އެ ކުންފުނިތަކުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ. -- އޭއެފްޕީ