އަލަށް އީޖާދުކުރި ފަރުވާއަކުން ކުއްޖެއްގެ ސިކްލް ސެލް ރަނގަޅުކޮށްފި
އަލަށް އީޖާދުކުރި ފަރުވާއަކުން ކުއްޖެއްގެ ސިކްލް ސެލް ރަނގަޅުކޮށްފި

ސިކްލް ސެލް ޑިޒީޒް ހުރި، ފްރާންސްގެ ފުރާވަރުގެ ކުއްޖަކަށް ދިން އާ ޖީން ތެރަޕީގެ ފަރުވާއެއްގައި އެ ކުއްޖާގެ ޑީއެންއޭއަށް ބަދަލު ގެނެސް ސިއްހަތު ރަނގަޅު ރެޑް ބްލަޑް ސެލް އުފެދޭ ގޮތް ހަދައިފި އެވެ.

ސިކްލް ސެލް ޑިޒީޒް އަކީ ތެލަސީމިއާ ފަދަ ލޭގެ މައްސަލައެކެވެ. މި ބަލީގައި، ރެޑް ބްލަޑް ސެލް ފުރިހަމައަށް ވަށްކޮށް ހުރުމުގެ ބަދަލުގައި ސިކްލް (ބަޅުވަޅި) ގެ ބައްޓަމަށް ހުރެ އެވެ. މިހެން ވުމުން ހަށިގަނޑަށް ބޭނުންވާ ވަރަށް ރެޑް ބްލަޑް ސެލްތަކުން އޮކްސިޖަން އުފުލައެއް ނުދޭނެ އެވެ. އަދި ހަށިގަނޑުގައި ރަނގަޅަށް ލޭ ދައުރު ނުވެ ތަންތަނަށް ތަދުވުމާއި ގުނަވަންތައް ފެއިލްވުން ފަދަ ސީރިއަސް މައްސަލަތަކާ ދިމާވެ އެވެ.

ތެލަސީމިއާ ފަދަ އިން ސިކްލް ސެލް ޑިޒީޒް އަކީ ވެސް މައިންބަފައިންގެ ކިބައިން ދަރިންނަށް ވާރުތާ ޖީންގެ އުނިކަމަކުން ދިމާވާ މައްސަލައެކެވެ.

ސިކްސް ސެލް ޑިޒީޒް ރަނގަޅުކޮށްފައި ވަނީ ޕެރިހުގައި ހުންނަ ނެކަ ޗިލްރެންސް ހޮސްޕިޓަލުގަ އެވެ. މި ކާމިޔާބު ފަރުވާގައި ސައިންސްވެރިން ވަނީ ކުއްޖާގެ ބޯންމެރޯއިން، ސިއްހަތު ރަނގަޅު ރެޑް ބްލަޑް ސެލް އުފައްދާ ގޮތަށް ޑީއެންއޭއަށް ބަދަލު ގެނެސްފަ އެވެ.

އުމުރުން 13 އަހަރުގެ ކުއްޖާއަށް މި ދިން ފަރުވާއަށް ފަހު 15 މަސްދުވަސް ވެގެން ދިޔައިރު ވެސް އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށްވެ އެވެ. މި ކުއްޖާ އަކީ ބަލީގެ ސަބަބުން ހުންކޮށި ނަގައި އަދި ޅިނދުމަތީގެ ކަށިތައް ވެސް ބަދަލުކޮށްފައިވާ ކުއްޖެކެވެ. އަދި ކޮންމެ މަހަކު ލޭ ވެސް އަޅަންޖެހެ އެވެ.

އެކަމަކު ކުއްޖާގެ އުމުރުން 13 އަހަރު ވުމަށް ފަހު ޑޮކްޓަރުން ނިންމީ އާ ގޮތަކަށް ފަރުވާ ދިނުމަށެވެ. ޑޮކްޓަރުން ވަނީ، ރެޑް ބްލަޑް ސެލް އުފައްދާތަން ކަމަށް ބޯން މެރޯ ނަގައި، ރަނގަޅު ރެޑް ބްލަޑް ސެލް ނުއުފެދެން މެދުވެރިވާ ޖީން ލެބޯޓަރީގައި ބަދަލުކޮށްފަ އެވެ. ސިލްކް ސެލް އުފެދެނި ޕްރޮޓީން ހިމޮގްލޮބިން އުފެއްދުމަށް ދޭ "އިރުޝާދު" ގައި އުޅޭ ގޯހަކުންނެވެ. މި ގޯސް ރަނގަޅުކުރަން ބޯންމެރޯ އަށް ފޮނުވީ ވައިރަހެކެވެ. އަދި އެ ގެނައި ބަދަލަށް ފަހު ބޯންމެރޯ އަލުން ކުއްޖާގެ ހަށިގަނޑުގައި އިންދި އެވެ.

ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި މި ފަރުވާއާ ބެހޭ ގޮތުން ޝާއިއުކުރި ރިޕޯޓްގައި ބުނީ ފަރުވާއަށް ފަހު 15 މަސް ދުވަސް ވެފައި ވާއިރު ބައްޔަށް މިހާރު އެއްވެސް ބޭހެއް ބޭނުން ނުކުރާ ކަމަށެވެ.

ޔުނިވަސިޓީ އޮފް ޕެރިސްގެ ޕްރޮފެސަ އޮފް މެޑިސިން ފިލިޕޭ ލެބޯލްޗް ބީބީސީ އަށް ވިދާޅުވީ ފަރުވާ ދިން ކުއްޖާގެ ހަށިގަނޑުގައި މިހާރު ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމަށާއި ބޭހެއް ވެސް ނުކައި ކަމަށެވެ. އަދި ހޮސްޕިޓަލުގައި ބާއްވައިގެން ވެސް ފަރުވާއެއް ދޭން ނުޖެހޭ ކަމަށް ވިދާޅުވި އެވެ. އެކަމަކު މިއީ މި ފަރުވާ ދިން ފުރަތަމަ ފަހަރު ކަމަށް ވާތީ މިއީ ބަލި ފަސޭހަކުރުން ކަމަށް ކަނޑައެޅިގެން ބުނަން ކެރިވަޑައިނުގަންނަވާ ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.

ސިކްލް ސެލް ޑިޒީޒް އެންމެ ގިނައީ އެފްރިކާގައި ކަމަށް ވެފައި، މި އާ ފަރުވާ އަދި ދެވޭނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލްތަކުގައި ކަމަށް ވުމުން ދެން އޮތީ ފަރުވާ ބޭނުންވެފައި ތިބި އެތައް މިލިއަން ބަޔަކަށް ފަރުވާ ލިބިގަނެވޭ ފެންވަރަށް މިކަން ކުރިއެރުވުން ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ.