ޝަރީއަތްތައް ސިއްރުކުރުން އާންމުވެ ހާމަކަން ގެއްލެނީ
ޝަރީއަތްތައް ސިއްރުކުރުން އާންމުވެ ހާމަކަން ގެއްލެނީ

ޝަރީއަތްތައް ހުޅުވާލައިގެން ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އިންސާފުވެރި އަދި ދެ ފުށް ފެންނަ ގޮތެއްގައި ޝަރީއަތްތައް ހިންގަން ބާރު އެޅުމެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޝަރީއަތްތައް އާންމުކޮށް ހުޅުވާލައިގެން ބާއްވަނީ އެ މަގްސަދުގަ އެވެ. ރާއްޖޭގައި ވެސް އެކަން އޮންނަން ޖެހޭނީ އެގޮތަށް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.

ޝަރީއަތްތައް ސިއްރުކުރުން އާންމުވެ ހާމަކަން ގެއްލެނީ
ޝަރީއަތްތައް ސިއްރުކުރުން އާންމުވެ ހާމަކަން ގެއްލެނީ

އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގާ ބެހޭ ގޮތުން ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ ހ. ގައި ބުނަނީ "އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައި" ޝަރީއަތް ކުރެވުމުގެ ވާހަކަ އެވެ. އިންސާފުން ޝަރީއަތް ކުރުމާ ބެހޭ ގޮތުން އެ މާއްދާގައިވާ ޖުމްލަ ތެރޭގައި "އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައި" މި ބަސް ބޭނުންކޮށްފައި އޮތުމުން ވެސް އިންސާފުން ޝަރީއަތް ކުރުމުގައި އާންމުކޮށް ހުޅުވާލާފައިވާ މަޖިލީހެއްގެ މުހިންމުކަން ހާމަވެ އެވެ.

ތިން ހާލަތެއްގައި މެނުވީ ހުރިހާ ޝަރީއަތެއް ވެސް ގެންދަން ޖެހޭނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް އެ މާއްދާގައިވެ އެވެ. އެއީ މުޖްތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމަށާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ ނުވަތަ ކުށެއްގެ ސަބަބުން އަނިޔާ ލިބުނު ފަރާތެއް ނުވަތަ ކުޑަކުއްޖެއްގެ ހައްގު ހިމާޔަތްކުރަން ނުވަތަ އިންސާފު ގާއިމްކުރަން ހުރަސް އެޅިދާނެ ކަމަށްޓަކައި ކަމަށް ގާނޫނު އަސާސީގައިވެ އެވެ. ޝަރީއަތެއް ސިއްރު ކުރުމާއި ނުކުރުމުގެ ބާރު އެ މާއްދާއިން ދީފައި އޮންނަނީ ފަނޑިޔާރަށެވެ.

ކޮންމެ ހައްގަކާއި މިނިވަންކަމެއްގަައި ވެސް އިންތަކެއް ކަނޑައެޅިފައި ހުންނަ ފަދައިން ޝަރީއަތް ހުޅުވާލައިގެން ގެންދިއުމުގައި ވެސް އިސްތިސްނާ ހާލަތްތަކެއް އޮތުން މުހިންމެވެ. އެގޮތުން ބަދުއަޚުލާގީ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ފަދަ މައްސަލަތަކުގައި ޝަރީއަތް ސިއްރު ކުރުން މައްސަލައެެއް ނޫނެވެ.

ހަމައެހެންމެ ބަންދު އަމުރާ ގުޅޭ މައްސަލަތަކުގެ އަޑުއެހުންތައް ވެސް ތަހުގީގަށް ހުރަސް އެޅިދާނެތީ ސިއްރުކުރުމުގައި މައްސަލައެއް ނެތެވެ. އެކަމަކު މިހާރަކަށް އައިސް ޝަރީއަތްތައް ސިއްރުކުރުން އާންމު ކަމަކަށް ވެ، އިސްތިސްނާ ހާލަތްތައް ބައެއް ކޯޓުތަކުން ބޭނުންކުރާ ގޮތާ މެދު މިވަނީ ސުވާލު އުފެދޭ ހިސާބަށް ގޮސްފަ އެވެ.

ރިިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ ދެ ބޮޑީގާޑަށް ހިންގި ޝަރީއަތުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ގެންދިއުމަށް ފަހު އެންމެ ފަހު ހެކިވެރިޔާގެ ހެކިބަސް ނެގި އަޑުއެހުމާ ޖެހުމުން ކުއްލި ގޮތަކަށް މުޅި ޝަރީއަތް ސިއްރުކުރީ އެވެ. ސަބަބެއްގެ ގޮތުގައި ކޯޓުން ބުނީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށެވެ.

އެކަމަކު އޭގެ ކުރިން އެތައް ވާހަކައެއް އެ ޝަރީއަތުގައި ދައްކައި، އެތައް ބައެއްގެ ހެކިބަސް ނެގީ ވެސް އާންމުކޮށް ހުޅުވާލައިގެންނެވެ. އަދި އެ ލޯންޗުކޮޅުގައި ގޮއްވާލި ބޮން ހެދި މީހާ އެ ބޮން ހެދި ގޮތާއިި ބޭނުންކުރި ކެމިކަލްތަކަށް ދަންދެން އެ ޝަރީއަތުގައި ކިޔައިދިންއިރު ވެސް ހުޅުވާލާފައި އޮތުމަށް ފަހު ވަކި ހެކިވެރިއަކާ ޖެހުމުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނުމުން އެކަމާ މެދު ސުވާލު އުފެދެ އެވެ.

ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އަދީބާއި ހާމިދު އިސްމާއިލް އަދި އަބްދުﷲ ޒިޔަތަށް ކުރާ ދައުވާގެ އަޑުއެހުން ވެސް ސިއްރުކުރީ އެފަދަ ގޮތަކަށެވެ. އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ހުޅުވާލައިގެން ގެންދިއުމަށް ފަހު ޚުލާސާ ބަޔާން ހުށަހެޅި އަޑުއެހުމާ ޖެހުމުން ކުއްލި ގޮތަށް ޝަރީއަތް ސިއްރުކުރީ އެވެ. އެއީ ވެސް ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށް ބުނެ އެވެ.

އެކަމަކު ކޮރަޕްޝަންގެ މައްސަލައެއްގެ ޝަރީއަތުގައި ގައުމީ ސަލާމަތަށް ނުރައްކާވަނީ އެ ޝަރީއަތުގައި ކޮން ވާހަކައެއް ދެއްކޭތީތޯ ސުވާލު އުފެދެ އެވެ. ހަމަ އެހެންމެ ޚުލާސާ ބަޔާން ހުށަހަޅާ އަޑުއެހުމަކީ ކުރިން ދައްކާފައިވާ ވާހަކަތައް ޚުލާސާކޮށް ދައްކާ އަޑުއެހުމަކަށް ވާއިރު އެ ޝަރީއަތުގެ ކުރީގެ އަޑުއެހުންތައް ހުޅުވާލައިގެން ގެންދިޔަ އިރު ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ނެތިފައި، ޚުލާސާ ބަޔާނާ ޖެހުމުން އެ ސަބަބު ކުރިމަތިވީ ކިހިނެއް ކަމެއް ނޭނގެ އެވެ.

މިކަން އާންމުކޮށް ދިމާވަނީ ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތަކުގަ އެވެ. ބައެއް ފަހަރު މަރުގެ މައްސަލަތަކުގެ ޝަރީއަތް ވެސް މާ ބޮޑު ސަބަބުތަކެއް އެންގުމެއް ނެތި ސިއްރުކޮށްފައި އެބަ ހުއްޓެވެ. ސުވާލު އުފެދޭ ފަދަ ގޮތްގޮތަށް ޝަރީއަތްތައް ސިއްރުކުރަމުންދާތީ ޝަރީއަތްތަކުގެ ހާމަކަން ދަނީ ގެއްލެމުންނެވެ.

"އިސްތިސްނާ ހާލަތްތަކުގައި ވެސް މަގްބޫލު ސަބަބެއް ދައްކަން ޖެހޭނެ އެކަމަށް. ފަނޑިޔާރު ބޭނުންހާ ގޮތެއް ނެހެދޭނެ. އެހެން ގައުމުތަކުގައި ޖިނާއީ އިޖްރާއަތުގަ އާއި ގާނޫނުތަކުގައި ހުންނާނެ އުސޫލުތައް ކަނޑައަޅާފައި،" ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ވަކީލަކު ވިދާޅުވި އެވެ.

ބައެއް ކޯޓުތަކުން ޝަރީއަތް ސިއްރުކުރުމުގެ ބާރު ނާޖާއިޒް ގޮތުގައި ބޭނުންކުރާ ކަމަށް ބައެއް ވަކީލުން ދެކެވަޑައިގަންނަވަ އެވެ. އެއީ ބައެއް ކަންކަން ފޮރުވުމަށް ކުރާ ކަމެއް ކަމަށް ވެސް އެ ވަކީލުން ތުހުމަތުކުރެ އެވެ.

"ބޮޑު އަސާސީ ހައްގެއް ދެއްތޯ މިއީ. ސިއްރު ކުރުމުގެ ބާރު ދީފައި އޮންނަނީ ވެސް ރަނގަޅު މަގްސަދެއްގައި. އޭގެ ބޭނުން ހިފުން ކޮންމެވެސް ގޮތަކަށް ކޮންޓްރޯލް ވާން އެބަ ޖެހޭ. ހިތަށް އެރީމަ ސިއްރުކުރާ އުސޫލުން އެކަން ކުރެވިގެން ނުވާނެ. މިހެން ދެންނެވިޔަސް ރަނގަޅު ސަބަބުތަކަށްޓަކައި ވެސް ބައެއް ފަހަރު ސިއްރުކުރޭ،" އެހެން ވަކީލަކު ވިދާޅުވި އެވެ.

ސިޔާސީ ކަންކަމާ ގުޅުން ހުރި ޝަރީއަތްތައް ސިއްރުކުރަން ކްރިމިނަލް ކޯޓުން މި ފަހުން ފެށީ ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިންގެ ޝަރީއަތެއްގައި ގާޒީ އަބްދުލް ބާރީ ޔޫސުފަށް އަމާޒުކުރައްވާ ޒުވާބުތަކެއް ކުރެއްވި ފަހުންނެވެ. ދެން ފެނުނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ޝަރީއަތެއްގެ ފަހުގެ އަޑުއެހުންތަކާއި ހުކުމް އިއްވި ޝަރީއަތް ވެސް ސިއްރުކުރި ތަނެވެ.

އިންސާފުވެރި ޝަރީއަތެއްގައި އެންމެ މުހިންމު ސިފައަކީ އާންމުކޮށް ހުޅުވާލައިގެން ދެ ފުށް ފެންނަ ގޮތެއްގައި ޝަރީއަތް ހިންގުމެވެ. އެ ނޫން ގޮތަކަށް އެކަން ކުރާ ނަމަ ޝަރީއަތުގެ ނިންމުންތަކާ މެދު ޝައްކުގެ ނަޒަރުން ބެލުމުގެ ފުރުސަތު އޮންނާނެ އެވެ. މިއީ މިހާރު އަދުލު އިންސާފު ގާއިމްކުރުމުގެ ޒިންމާ އޮތް ފަރާތްތަކުން ވިސްނަން ޖެހޭ ސީރިއަސް މައްސަލައެކެވެ.