03 ސެޕްޓެމްބަރ 2024 - 15:05

ބަންގްލާދޭޝްގައި ޝައިޚް ހަސީނާގެ ވެރިކަމާ ދެކޮޅަށް މުޒާހަރާކުރި މީހުންނަށް ތާއީދުކޮށް ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި މުޒާހަރާކުރުމުން ޖަލަށްލި ބަންގްލަދޭޝް 57 މީހުންނަށް މާފު ދީފި އެވެ.
ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ވަނީ "އެމިރޭޓްސްގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކޮށް ހަމަނުޖެހުމަށް މަގު ފަހިކުރުވައި އެކަމުގައި ބައިވެރިވި ބަންގްލަދޭޝް މީހުންނަށް މާފު ދިނުމަށް އަންގަވާފައި" ކަމަށް ރަސްމީ އެމިރާތީ ނިއުސް އެޖެންސީ (ޑަބްލިއުއޭއެމް) އިން ބުންޏެވެ.
މި މާފުގައި، މިހާރު ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި މި މައްސަލައިގައި ޑީޕޯޓްކުރުމަށް ނިންމައި އެ މަރުހަލާ ކުރިއަށްދާ މީހުން ވެސް ހިމެނޭ ކަމަށް ނިއުސް އެެޖެންސީން ބުންޏެވެ.
މިދިޔަ ޖުލައި މަހު އެމިރޭޓްސްގެ ކޯޓަކުން ބަންގްލަދޭޝްގެ ތިން މީހަކު އުމުރަށް ޖަލަށް ލުމަށާއި، އިތުރު 53 މީހަކު 10 އަހަރަށް ޖަލަށް ލުމަށާއި އެކަކު 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި އެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފުގައި ހިމެނޭ ޔޫއޭއީގައި ހުއްދަނެތި މުޒާހަރާކުރުމާއި އިޖުތިމާއީ ހަމަޖެހުން ގެއްލިދާނެ ފަދަ ކަންކަން ކުރުމާއި ވެރިންނަށް ފާޑުކިޔައި އާންމުކޮށް ވާހަކަ ދެއްކުން އޮންނަނީ މަނާކޮށްފަ އެވެ.
ޔޫއޭއީގައި އުޅޭ ބަންގްލާދޭޝް މަސައްކަތު މީހުން މުޒާހަރާކުރީ ހަސީނާގެ ވެރިކަމާ ދެކޮޅަށް ބަންގްލާދޭޝްގައި ދަރިވަރުން ފެށި މުޒާހަރާތައް ރޫޅާލަން ބާރުގެ ބޭނުންކޮށް އެތައް ބަޔަކު މަރުވުމުންނެވެ. ބަންގްލާދޭޝްގައި ކުރި މުޒަހަރާތައް ދިގުދެމިގެން ގޮސް އެންމެ ފަހުން މިހާރު ވަނީ ހަސީނާގެ ވެރިކަން ވެއްޓިފަ އެވެ.
މުޒާހަރާގައި 450 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު ގިނަ މީހުން މަރުވެފައިވަނީ ބަޑި ޖެހުމުގެ ސަބަބުންނެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި ޕާކިސްތާނާއި އިންޑިއާ މީހުންނަށް ފަހު އެގައުމުގައި ތިންވަނައަށް އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. -- އޭއެފްޕީ