ވެނެޒުއޭލާގެ ރައީސްގެ މަތިންދާބޯޓު އެމެރިކާއިން އަތުލައިފި
ވެނެޒުއޭލާގެ ރައީސްގެ މަތިންދާބޯޓު އެމެރިކާއިން އަތުލައިފި

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ޕްރައިވެޓް ޖެޓް ޑޮމިނިކަން ރިޕަބްލިކްގައި އޮއްވައި އެމެރިކާއިން އަތުލައިގެންފި އެވެ.

މިއީ "ޕައިރެސީ" ކަމަށް ވިދާޅުވެ މަޑޫރޯ ވަނީ އެމެރިކާ ކުށްވެރިކުރައްވައިފަ އެވެ. އެކަމަކު އެމެރިކާއިން ބުނީ މަޑޫރޯ އާއި އޭނާގެ ސަރުކާރުގެ އޮފިޝަލުން ދަތުރުކުރައްވާ މި ޖެޓަކީ ވެނެޒުއޭލާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް ގަނެ ވަގަށް އެމެރިކާއިން ބޭރުކޮށްފައިވާ އެއްޗެއް ކަމަށެވެ.

"ވިޔަފާރީގެ ހަރަކާތެއް ނެތް ކުންފުންޏެއް މެދުވެރިކޮށް 13 މިލިއަން ޑޮލަރަށް ގަނެ ނިކޮލަސް މަޑޫރޯ އާއި އޭނާގެ ބައިވެރިންގެ ބޭނުމަށް ވަގަށް އެމެރިކާއިން ބޭރަށް ގެންގޮސްފައިވާ އެއާކްރާފްޓެއް ޖަސްޓިސް ޑިޕާޓްމަންޓުން ވާނީ ހިފަހައްޓާފައި،" އެޓާނީ ޖެނެރަލް މެރިކް ގާލަންޑް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

އެމެރިކާއިން މިހާރު ވަނީ އެ ޖެޓް އެ ގައުމުގެ ފްލޮރިޑާއަށް ގެންގޮސްފަ އެވެ.

ވެނެޒުއޭލާއިން ބުނީ މިއީ އެމެރިކާއިން ތަކުރާރުކޮށް ހިންގަމުން ގެންދާ ކުށުގެ އަމަލުތަކުގެ ތެރެއިން އަމަލެއް ކަމަށެވެ.

"އަނެއްކާވެސް އެމެރިކާއިން މި ވަނީ އެ ގައުމުގެ ކުށުގެ އަމަލުތަކުގެ ތެރެއިން ކަމެއް ތަކުރާރުކޮށްފައި. މިއީ ފޭރުން ނޫން އެހެން ކަމެއްގެ ގޮތުގައި ސިފައެއް ނުކުރެވޭނެ،" ވެނެޒުއޭލާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

އެއާކްރާފްޓް ޓްރެކިން ސައިޓް ފްލައިޓްރާޑާ24 އިން ދައްކާ ގޮތުގައި އެ ޖެޓް ދަތުރުކުރީ ސެންޓޯ ޑޮމިންގޯއިން ފޯޓް ލައުޑާޑޭލް އަށެވެ.

ޑޮމިނިކަން ރިޕަބްލިކަން އިން ބުނީ ޖެޓުގެ މައްސަލައިގައި އެމެރިކާއިން ހިންގި ތަހުގީގުގައި އެއްވެސް މިންވަރަކަށް ބައިވެރިނުވާ ކަމަށެވެ.

އެމެރިކާއިން ބުނީ މަޑޫރޯއާ ގުޅުން ހުރި ބަޔަކު މި ޖެޓް 2022 ވަނަ އަހަރުގެ ފަހުކޮޅާއި 2023 ވަނަ އަހަރުގެ ކުރީކޮޅު މި ޖެޓްގެ މުއާމަލާތް ސިއްރުވާނެ ގޮތަށް ހިންގީ ކެރީބިއަންގެ ކުންފުންޏެއް ބޭނުންކޮށްގެން ކަމަށެވެ.