ރަހީނުންތަކެއް މަރުވުމުން އިޒްރޭލު ސަރުކާރާ ދެކޮޅަށް ނުކުމެއްޖެ
ރަހީނުންތަކެއް މަރުވުމުން އިޒްރޭލު ސަރުކާރާ ދެކޮޅަށް ނުކުމެއްޖެ

ހަމާސްއިން އިޒްރޭލަށް ހަމަލާދީ ރަހީނުކުރި މީހުންގެ ތެރެއިން ހަ މީހެއްގެ ހަށިތައް ޣައްޒާގެ ޓަނެލްއެއްގެ ތެރެއިން ފެނުމާ އެކު، ރަހީނުން ސަލާމަތުން ގެނެވޭނެ އެއްބަސްވުމެއް ހަމާސްއާ އެކު ހެދުމަށް ގޮވާލައި އަދި ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް އެތައް ހާސް ބަޔަކު މަގުމަތަށް ނުކުމެއްޖެ އެވެ.

ރަހީނުންތަކެއް މަރުވުމުން އިޒްރޭލު ސަރުކާރާ ދެކޮޅަށް ނުކުމެއްޖެ
ރަހީނުންތަކެއް މަރުވުމުން އިޒްރޭލު ސަރުކާރާ ދެކޮޅަށް ނުކުމެއްޖެ

ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމަލާ ދިން އިރު 251 މީހަކު ހައްޔަރުކުރި ނަމަވެސް ބައެއް މީހުން ކުރިން މިނިވަންކުރުމުންނާއި އަނެއް ބަޔަކު އެކި ގޮތްގޮތުން މަރުވެ މިހާރު ދުނިޔޭގައި ތިބީ 97 މީހެއް ކަމަށް ބެލެވެ އެވެ.

މިދިޔަ ނޮވެމްބަރު މަހު ކުރި މަޝްވަރާގައި ވަނީ އެތައް ރަހީނުންނެއް މިނިވަންކުރި އެވެ. އެކަމަކު ރަހީނުކޮށްފައި ތިބި މީސްމީހުންގެ އާއިލާތަކުން ބުނީ ސަރުކާރުން އެކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށެވެ.

ސަރުކާރާ ދެކޮޅަށް ނުކުތް މީހުން ވަނީ ތެލް އަވީވް، ގުދުސް އަދި ބޮޑެތި އެހެން ބައެއް ސިޓީތަކުގެ މަގުތައް ވެސް ފުރާލައިފަ އެވެ. އެ މީހުން ބުނަމުން ދަނީ ރަހީނުކޮށްފައިވާ މީހުން ސަލާމަތްކުރުމަށް އެކަށީގެންވާ ގޮތެއްގައި ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.

އިއްޔެ ކުރި މި މުޒާހަރާ ޖުމްލަ ގޮތެއްގައި ކުރިއަށްދިޔައީ ސުލްހަވެރިކޮށް ނަމަވެސް ބައެއް ހިސާބުތަކުން ވަނީ ފުލުހުންގެ ސަފުތައް ފަހަނަޅައި ދިއުމުން ބައެއް ހަމަނުޖެހުންތައް ހިނގައިފަ އެވެ.

މިއަދު ވެސް ބޮޑު މުޒާހަރާއަކަށް ހުރިހާ ހިސާބެއްގައި މީހުން މަގުމަތަށް ނުކުތުމަށް ވަނީ އެހެން ޕާޓީއަކުން ގޮވާލައިފަ އެވެ.

އިޒްރޭލު ސިފައިންނަށް އެންމެ ފަހުން ފެނުނު ހަ ރަހީނުން މަރާލާފައިވަނީ ސިފައިން ޓަނަލަށް ވަނުމުގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ހަށިތައް ފެނުނީ ރަފަހްގައި ހަދާފައިވާ ބިމު އަޑީގެ ޓަނަލެއްގެ ތެރެއިން ކަމަށް ވެސް ބުންޏެވެ.

މީގެ ކުރިން ވެސް ރަހީނުންގެ މައްސަލަގައި އިޒްރޭލު ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ކޮށްފައިވެ އެވެ.