01 ސެޕްޓެމްބަރ 2024 - 20:01

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާންމުންނަށް ހިއްސާ ވިއްކަން މަޝްވަރާ ކުރެވެމުންދާ ކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ވަޒީރުންގެ މަޖިލީހުގެ ބައެއް ނިންމުންތައް ހިއްސާކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން، ހައިދަރު ވިދާޅުވީ އެޗްޑީސީގައި އާންމުންގެ ހިއްސާ ބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު އެބަހުރި ކަމަށެވެ.
އެކަމުގެ މަޝްވަރާތައް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ކުރެވުނަސް، އެކަމާ މެދު އަދި ވަކި ގޮތެއް ނިންމާފައިވާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު ކެބިނެޓުގައި ނުނިންމެވި ނަމަވެސް، ރައީސް ވިސްނަވާފަ އޮތީ އެޗްޑީސީއަކީ އާންމުންގެ ހިއްސާ ވެސް އޮންނަ ކުންފުންޏަކަށް ހަދަން. ޕަބްލިކް ލިމިޓެޑް ކޮމްޕެނީއެއް ގޮތަށް،" ހައިދަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ބަދަލު ގެނައުމުގެ ބައެއް ދިރާސާތައް ކުރުމަށްފަހު، އެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރާނެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ގޮތުން، ބައެއް ކުންފުނިތައް އެއްކޮށްލަން ކެބިނެޓުން މިއަދު ނިންމާފައިވާ އިރު، އޭގެ ތެރޭގައި، އެޗްޑީސީގެ ދަށުން ފަހިދިރުޅުން ކޯޕަރޭޝަން ހިންގާ ގޮތަށް ނިންމުން ހިމެނެ އެވެ.