01 ސެޕްޓެމްބަރ 2024 - 17:28

މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީ އިމާރާތް ހުޅުވައި މިއަދު އަލުން ކިޔަވައިދޭން ފަށައިފި އެވެ.

މާލެ ސަރަހައްދުގައި މަތީ ސާނަވީއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު، ސީއެޗްއެސްއީ މިހާތަނަށް ހިންގީ އަމީނިއްޔާ ސްކޫލުގެ ބިއްދޮށުގަ އެވެ. އެކަމަކު، އެ އިމާރާތް ބޭނުންކުރުން މިދިޔަ އޮގަސްޓް މަހު ހުއްޓާލުމަށް ފަހު، ސީއެޗްއެސްއީ ބަދަލުކުރީ ހުޅުމާލޭގައި އަލަށް ހެދި އިމާރާތަށެވެ.

އެކަމަކު އެ ސްކޫލްގައި އަލުން ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ މާލޭގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެ ކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރާތީ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އެ ސްކޫލު ވެގެންދާނީ މާލޭގައި ހުރި މަތީ ސާނަވީއަށް ކިޔަވައިދޭ އެންމެ ފެންވަރު ރަނގަޅު، ހިތްފަސޭހަ އަދި ދަރިވަރުންނަށް އުފާވެރި އުނގެނުމުގެ މާހައުލު ތަނަވަސްވެފައިވާ ސްކޫލަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސްކޫލު ހުޅުވުމުން މަތީ ސާނަވީއަށް އުނގެނުމަށް، މާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރުކުރާ ދަރިވަރުންގެ އަދަދު މަދުވާނެ ކަމަށެވެ.
މިއަދު އަލުން ކިޔަވައިދޭން ފެށިއިރު، 400 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަން ފަށާފައިވާ ކަމަށާއި އިތުރު ދަރިވަރުން ވަނުމަށް އެދެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ސްކޫލުގެ ޕްރިންސްޕަލަކަށް ހަމަޖައްސާފައި ވަނީ ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލްކަން 17 އަހަރު ކުރެއްވި އަބްދުﷲ ދީދީ އެވެ.
މާލޭގައި މި އިމާރާތުގައި ކިޔަވައިދޭން އަލުން ފެށިޔަސް، ހުޅުމާލޭގައި ވެސް އޭލެވެލް އަށް ކިޔަވައިދޭން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.