30 އަހަރަށް ފަހު ބްރެޒިލް ކޮޕަ އެމެރިކާގެ ގްރޫޕް ސްޓޭޖުން ކަޓައިފި
30 އަހަރަށް ފަހު ބްރެޒިލް ކޮޕަ އެމެރިކާގެ ގްރޫޕް ސްޓޭޖުން ކަޓައިފި

ފޮކްސްބޮރޯ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 13) - އެމެރިކާ ބައްރުގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ގްރޫޕް ސްޓޭޖުން، ގަދަފަދަ ބްރެޒިލް 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ކަޓައިފި އެވެ.

30 އަހަރަށް ފަހު ބްރެޒިލް ކޮޕަ އެމެރިކާގެ ގްރޫޕް ސްޓޭޖުން ކަޓައިފި
30 އަހަރަށް ފަހު ބްރެޒިލް ކޮޕަ އެމެރިކާގެ ގްރޫޕް ސްޓޭޖުން ކަޓައިފި

އެ ޓީމު 1987 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖުން ކެޓީ ރޭ ޕެރޫ އަތުން 1-0 އިން ބަލިވެ އަދި ގްރޫޕްގެ އަނެއް މެޗުން ހައިޓީ އަތުން އެކުއޭޑޯ 4-0 އިން މޮޅުވުމުންނެވެ.

ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގައި ޕެރޫ ކުއާޓާ އިން ޖާގަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ ދިޔައީ ތިން މެޗުން ފަސް ޕޮއިންޓް ހޯދި އެކުއެޑޯ އެވެ. ބްރެޒިލް ތިން ވަނަ ދިޔައީ ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ހައިޓީ އަށް ޕޮއިންޓެއް ނުލިބެ އެވެ.

އެއްވަރުކޮށްލައިގެން ވެސް ބްރެޒިލަށް ކުއާޓާގެ ޖާގައެއް ލިބެން އޮތް މި މެޗުން އެ ޓީމު ބަލިވިއިރު، މެޗުގެ ހަމައެކަނި ލަނޑު 75 ވަނަ މިނިޓްގައި ޕެރޫ އަށް ކާމިޔާބު ކޮށްދިނީ ރައުލް ރުޑިއާޒް އެވެ.

އެކަމަކު އެންޑީ ޕައޮލޯ ނަގައިދިން ހުރަހަކުން ރުޑިއާޒް މި ލަނޑު ޖެހީ އޭނާގެ އަތުންނެވެ. މި ލަނޑާ އެކު ބްރެޒިލް ކުޅުންތެރިން ވަނީ މެޗުގެ ރެފްރީ އުރުގުއޭގެ އަންދްރެސް ކުންޔާ ވަށާލައިފަ އެވެ. ރުޑިއާޒް ލަނޑު ޖެހީ އަތުން ކަމަށް ބުނެ ބްރެޒިލް ކުޅުންތެރިން ކުންޔާ ކައިރީގައި ޝަކުވާކުރި ނަމަވެސް އޭނާ ނިންމީ އެއީ ލަނޑެއް ކަމަށެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ނަތީޖާ ހަމަހަމަކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބްރެޒިލްގެ އެލިއާސް އަށެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.

ކުއާޓާ ފައިނަލުގައި އެކުއެޑޯ ނުކުންނާނީ އެމެރިކާއާ ދެކޮޅަށެވެ. އަދި ޕެރޫ ބައްދަލުކުރާނީ ކޮލަމްބިއާއާ އެވެ.