28 ފެބުރުއަރީ 2017 - 17:33

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޓެކްނޮލޮޖީސް އަށް ހުޅުމާލެ އިން ދޫކުރި ބިމެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސިނާއީ މަސައްކަތްތަކެއް ކުރުމަށް ވިލާ ޓެކްނޮލޮޖީސް އަށް 15 އަހަރަށް ހުޅުމާލެ އިން ބިމެއް ދީފައި ވަނިކޮށް 2015 ގައި އެޗްޑީސީން އެ ބިން އަތުލަން ނޯޓިސް ފޮނުވީ އެ މަސައްކަތް އެތަނުގައި ނުކުރާތީ އެވެ. މި މައްސަލަ ވިލާ އިން ކޯޓަށް ހުށަހެޅުމުން ހުޅުމާލޭ ކޯޓުން ނިންމާފައިވަނީ އެތަން އަތުލަން ނިންމީ ގާނޫނާ ޚިލާފަށް ކަމަށާއި އެޗްޑީސީގެ ނޯޓިސް ބާތިލް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވިލާ އަށް ދައުވާ ކުރެވޭނެ ކަމަށް ހުޅުމާލޭ ކޯޓުން އޮތީ ނިންމައިފަ އެވެ.
އެ މައްސަލަ އެޗްޑީސީ އިން އިސްތިއުނާފް ކުރުމުން، ހައި ކޯޓުން ވަނީ ހުޅުމާލޭ ކޯޓުގެ އެ ހުކުމް ބާތިލްކޮށްފަ އެވެ. ހައި ކޯޓުގެ ހުކުމުގައި ވަނީ އެއްބަސްވުމުގެ ދަށުން، ވިލާ އަށް ދޫކުރި ބިމުގައި ފަށަންޖެހޭ ސިނާއީ މަސައްކަތް ވިލާއިން ފަށާފައި ނުވާ ކަމަށާއި އެއީ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކުރަންޖެހޭ ކަމެެއް ކަމަށެވެ.
އެއްބަސްވުމެއްގެ ދަށުން ކުރަންޖެހޭ ކަމެއް ނުކުރުމަކީ އެއްބަސްވުން ބާތިލް ކުރެވިދާނެ ސަބަބެއް ކަމަށް ހުކުމުގައި ފާހަގަކޮށްފައި ވެ އެވެ. އަދި ސިނާއީ މަސައްކަތް ވިލާ އިން އެ ބިމުގައި ފަށަންޖެހޭ މުއްދަތެއް އެއްބަސްވުމުގައި ނެތަސް ކޮންޓްރެކްޓާ ބެހޭ ގާނޫނަށް ރިއާޔަތް ކުރާއިރު، އެތަން ހަވާލުކުރިތާ 10 އަހަރު ވީއިރު ވެސް އެ މަސައްކަތް ކޮށްފައި ނެތުމުން، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެކަން ވިލާ އިން ފުރިހަމަ ނުކުރީ ކަމަށް ބެލެވޭ ކަމަށް ހުކުމުގައި ވެ އެވެ.
އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން، މަސައްކަތް ފަށަން އެޗްޑީސީން ވިލާ އަށް އަންގާފައި ނުވިޔަސް އެގޮތަށް އެންގުމަކީ އެޗްޑީސީ އަށް ލާޒިމް ކަމެއް ނޫން ކަމަށާއި އެގޮތަށް ނޭންގިޔަސް އެއްބަސްވުން ބާތިލް ކުރުމުގެ ބާރު އެއްބަސްވުމުގެ ދަށުން އެޗްޑީސީ އަށް ލިބިގެންވާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
ވިލާ އަށް ހުޅުމާލެއިން ދޫކުރި އެހެން ބައެއް ބިންތައް ވެސް އަތުލި މައްސަލާގައި ވިލާއާ އެއްކޮޅަށް ކުރި ހުކުމްތައް އެޗްޑީސީން ވަނީ އިސްތިއުނާފްކޮށްފަ އެވެ. ވިލާ އަށް ދޫކުރި ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލާގައި ވެސް ވިލާއާ އެއްކޮޅަށް ކުރި ހުކުމްތައް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.