29 އޯގަސްޓް 2024 - 23:07

މާލޭގައި މިރޭ އަންހެނަކު ރަހީނުކުރި މައްސަލާގައި ހިމެނޭ ދެ މީހުންނަށް ވެސް އަނިޔާވި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މާފަންނު ގެއެއްގައި ރަހީނުކޮށްފައި ހުރި އަންހެން މީހާއަށް އެ ގޭގެ ތެރޭގައި އަނިޔާ ކޮށްފައިވާ ކަމަށާއި އޭނާ ސަލާމަތް ކުރަން އުޅުމުން އެ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް އިންޒާރު ދެމުން ދިޔަ ކަމަށެވެ.
އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނެރެ އޭނާ ސައިކަލަށް އަރުވައިގެން ފިލަން މަސައްކަތް ކުރި އެވެ. ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އަންހެން މީހާ ސައިކަލުގެ ކުރީގައި ބައިންދައިގެން، އެ މީހާ ފުލުހުންނާ ވާހަކަތަކެއް ދައްކާ މަންޒަރު ފެނެ އެވެ. އެކަމަކު ދެއްކި ވާހަކައެއް ވީޑިއޯއަކަށް ސާފެއް ނުވެ އެވެ. އޭގެ އިރުކޮޅެއް ފަހުން، އެ މީހާ ވަނީ ރަހީނުކޮށްފައިވާ އަންހެން މީހާ ގޮވައިގެން ސައިކަލުގައި ނައްޓާލައިފަ އެވެ. އޭނާ ސައިކަލުގައި ދިޔުމާ އެކު، ފުލުހުންތަކެއް ސައިކަލުގެ ފަހަތުން ދުވެފައިދާ މަންޒަރު ފެނެ އެވެ.
އޭގެފަހުން އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ، މަގުގައި ގިނަ އަދަދެއްގެ އާންމުން އެއްވެފައި ތިބުމުގެ ސަބަބުން، ސައިކަލުގައި އެ މީހާއަށް ކުރިއަށް ނުދެވިގެން އުޅޭ މަންޒަރެވެ. އޭރު ވެސް އެ މީހާ އިނީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެންނެވެ. ސައިކަލު މަޑުކޮށްގެން އިން ވަގުތު، ސައިކަލުތަކެއްގައި އޭނާގެ ފަހަތުން އައި ފުލުހަކު ވަނީ އޭނާގެ ބޮލުގައި މުގުރަކުން ޖަހައި ސައިކަލާ އެކު އޭނާ ބިންމައްޗަށް ވައްޓާލައިފަ އެވެ. އަދި އެ ވަގުތު ވަށައިގެން ތިބި ފުލުހުންނާއި އާންމުން ވެސް އަރައިގަނެ އަންހެން މީހާ އެތަނުން ސަލާމަތް ކުރި އެވެ.
ފުލުހުން ބުނީ އެކަމުގެ ތެރޭގައި ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ފިރިހެން މީހާ އަށް އަނިޔާވެގެން އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އަންހެން މީހާ އަށް ވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަންހެން މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާ ސަލާމަތް ކުރަން ކުރި މަސައްކަތުގެ ތެރޭގައި އަންހެން މީހާގެ ކަރުގައި ވަޅި އެޅިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ ފިރިހެން މީހާއަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށްޓަކައި ޓެސްޓުތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.