މާލޭގައި ރަހީނުކުރި އަންހެން މީހާ ސަލާމަތްކޮށްފި
މާލޭގައި ރަހީނުކުރި އަންހެން މީހާ ސަލާމަތްކޮށްފި

މާލޭގައި ރަހީނުކޮށްފައިވާ އަންހެން މީހާ ސަލާމަތްކޮށް، އެ ކަން ކުރި ފިރިހެން މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ފުރަތަމަ ބުނީ މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު ބަންދު ކޮށްފައި ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި ވަނީ އެ ގޭގެ ތެރޭގެ ވީޑިއޯއެއް އާންމުވެފަ އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި ފިރިހެނަކު ހުރީ މާސްކެއް އަޅައިގެން ހުރި އަންހެނެއްގެ ކަރުގަ ވަޅިއެއް ޖައްސައިގެންނެވެ. އަދި އެ ދޮރުމަތީގައި ފުލުހަކު ވެސް ހުއްޓެވެ.

އޭގެފަހުން އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ ފިރިހެން މީހާ ވަނީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ސައިކަލަކަށް އަރައިފަ އެވެ. އަންހެން މީހާ ސައިކަލުގެ ކުރީގައި ބައިންދައިގެން، އެ މީހާ ފުލުހުންނާ ވާހަކަތަކެއް ދައްކާ މަންޒަރު ފެނެ އެވެ. އެކަމަކު ދެއްކި ވާހަކައެއް ވީޑިއޯއަކަށް ސާފެއް ނުވެ އެވެ.

އޭގެ އިރުކޮޅެއް ފަހުން، އެ މީހާ ވަނީ ރަހީނުކޮށްފައިވާ އަންހެން މީހާ ގޮވައިގެން ސައިކަލުގައި ނައްޓާލައިފަ އެވެ. އޭނާ ސައިކަލުގައި ދިޔުމާ އެކު، ފުލުހުންތަކެއް ސައިކަލުގެ ފަހަތުން ދުވެފައިދާ މަންޒަރު ފެނެ އެވެ.

އޭގެފަހުން އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ، މަގުގައި ގިނަ އަދަދެއްގެ އާންމުން އެއްވެފައި ތިބުމުގެ ސަބަބުން، ސައިކަލުގައި އެ މީހާއަށް ނުދެވިގެން އުޅޭ މަންޒަރެވެ. އޭރު ވެސް އެ މީހާ އިނީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެންނެވެ. ސައިކަލު މަޑުކޮށްގެން އިން ވަގުތު، ސައިކަލުތަކެއްގައި އޭނާގެ ފަހަތުން އައި ފުލުހަކު ވަނީ އޭނާގެ ގައިގައި މުގުރަކުން ޖަހައި ސައިކަލާ އެކު އޭނާ ބިންމައްޗަށް ވައްޓާލައިފަ އެވެ. އޭނާ ވެއްޓުނު ވަގުތު ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ މީހާ ހައްޔަރުކޮށް، އަންހެން މީހާ ސަލާމަތްކޮށްފަ އެވެ.

ފުލުހުން ބުނީ، އަންހެން މީހާ ސަލާމަތް ކުރުމަށްޓަކައި ބާރުގެ ބޭނުން ކުރަން މަޖުބޫރުވީ ކަމަށެވެ. އަދި އެކަމުގެ ތެރެއިން ދެ މީހުންނަށް ވެސް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފިރިހެން މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ އިރު، އަންހެން މީހާ ގެންގޮސްފައިވަނީ އައިޖީއެމްއެޗް އަށެވެ. އަންހެން މީހާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އިތުރަށް ބުނީ ފިރިހެން މީހާއަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށްޓަކައި ޓެސްޓުތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.