29 އޯގަސްޓް 2024 - 17:25

ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުންދިޔަ ދެ މީހަކު ހައްޔަރު ކުރި މައްސަލަ އެމްޑީޕީން ކުށްވެރި ކޮށްފި އެވެ.
އެމްބަސީތައް ކައިރީގައި އަޑު އުފުލަމުންދާ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ ދެ މީހުން ވެސް ތިން ދުވަހަށް ބަންދުކުރަން އަމުރު ކޮށްފަ އެވެ.
އެ މައްސަލާގައި އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އިރު ޝާދިޔާ އާއި ޝަޒްރާ ހިޔާލު ފާޅުކުރަމުން ގެންދިޔައީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
"...އެ ހިޔާލު ފާޅުކުރުން ހުއްޓުވުމަކީ އެ މާއްދާ [ގާނޫނުއަސާސީގެ 27 ވަނަ މާއްދާ]ގެ ދަށުން ހުއްދަ އަމަލެއް ނޫން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ މި ސަރުކާރުން ކުރި އެއްވެސް ކަމެއްގައި އިހުލާސްތެރިކަމެއް ނެތެވެ. އަދި ފަލަސްތީނުގެ ހައްގުގައި އަޅަން އިއުލާން ކުރި ފިޔަވަޅުތައް އެޅުމުގައި ވެސް މި ސަރުކާރުން ފަހަތު ފަޔަށް ބުރަވަމުން އަންނަ ކަމަށް އެ ޕާޓީން ބުންޏެވެ.
"...ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައި އޮންނަ ހަމްދަރުދީ އަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ އާންމު ޖަޒުބާތެއް. އެ ޖަޒުބާތުގައި ދިވެހިރައްޔިތުންގެ ތެރެއިން ބަޔަކު ކުރާ ގާނޫނު ހުއްދަކުރާ އަމަލެއްގެ ސަބަބުން ހިފައި ހައްޔަރުކުރެވުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން،" އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ވަނީ ޝާދިޔާ އާއި ޝަޒްރާ މިނިވަން ކުރަން ސަރުކާރަށް ގޮވާލައިފަ އެވެ.
ޝާދިޔާ އާއި ޝަޒްރާ އަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރަމާއި އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާއި އެ ގައުމުން ހިންގާ ގަތުލުއާންމަށް ތާއީދު ކުރާ ބްރޭންޑުތައް ބޮއިކޮޓް ކުރަން ރާއްޖޭގައި ހަރަކާތްތައް ރޭވުމާއި ހިންގުމުގައި އިސްކޮށް އުޅޭ ދެ މީހުންނެވެ.
މީގެ ކުރިން ވެސް ފުލުހުން ވަނީ ޝަޒްރާ ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.