01 މާޗް 2017 - 10:09

މިދިޔަ އަހަރު ޖެނުއަރީން މިދިޔަ ޖެނުއަރީ މަހާ ހަމަޔަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ނުވަތަ މުދަލާއި ހިދުމަތުގެ އަގު 2.9 ޕަސެންޓަށް އުފުލިފައިވާ ކަމަށް ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފި އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އެއް އަހަރު ތެރޭގައި އިންފްލޭޝަން ރޭޓް ވަނީ 2.32 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހާ އަޅާބަލާއިރު ޖެނުއަރީ މަހު މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.2 ޕަސެންޓް މަތިވެފަ އެވެ.
- ސާނަވީ ތައުލީމުން 6.25 ޕަސެންޓް
- ތެލުގެ ބާވަތްތަކުން 5.64 ޕަސެންޓް
- ގޭގެ ކުލިން 0.06 ޕަސެންޓް
- ކަރަންޓުން 2.81 ޕަސެންޓް
- މަހުން 1.27 ޕަސެންޓް
- ތަރުކާރީން 5.63 ޕަސެންޓް
- މޭވާއިން 3.77 ޕަސެންޓް
- ޕާނުގެ ވައްތަރުތަކުން 0.21 ޕަސެންޓް
ސްޓެޓިސްޓިކްސް ބިއުރޯއިން ބުނި ގޮތުގައި ޖެނުއަރީ މަހު ތައުލީމުގެ ބައިން އިންފްލޭޝަން މައްޗަށް ދިޔައީ ބައެއް އަމިއްލަ ސްކޫލްތަކުން މި އަހަރުގެ ކިޔެވުން ފެށުމާ އެކު ސްކޫލް ފީ ބޮޑުކުރުމުންނެވެ. ގުރުއާން ކްލާސްތަކުންނާއި ސާނަވީ ތައުލީމުގެ ބައިން އަގު ބޮޑުވުމަކީ އިންފްލޭޝަން މަތިވި ސަބަބެއް ކަމަށް އެ ބިއުރޯއިން ފާހަގަކޮށްފައިވެ އެވެ.
އެ އިދާރާއިން ބުނީ ކަރަންޓުގެ އަގު ބޮޑުވި ސަބަބަކީ ޕެޓްރޯލްގެ އަގު ބޮޑުވުމާއި ފިއުލް ސާޗާޖު ބޮޑުވުން ކަމަށެވެ.
ޖެނުއަރީ މަހު، ކާބޯތަކެއްޗާއި ބޭހާއި ކިރާއި ޗީޒް އަދި ބިހުގެ އަގު ދަށްވި ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެގޮތުން ކާބޯތަކެތީގެ ބައިން 1.37 ޕަސެންޓް، ބޭހުގެ ބާވަތްތަކުން 1.01 ޕަސެންޓް އަދި ކިރާއި ޗީޒް އަދި ބިހުން 0.10 ޕަސެންޓް ދަށްވެފައިވެ އެވެ.