29 އޯގަސްޓް 2024 - 12:33

ފުޓްބޯޅަ އަށް މިހާރު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ ތެރޭގައި ސީޒަން ފަށަން ބޭނުން ނުވާކަމަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ބުނެފި އެވެ.

ކްލަބްތަކުން އެހެން ބުނީ އެފްއޭއެމްގެ ހިންގުމާ އަލަށް ހަވާލުވި ނޯމަލައިޒޭޝަން ކޮމިޓީން ރޭ ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީ ރޫމްގައި ރޭ ބޭއްވި ބައްދަލުވުމަށް ފުރަތަމަ ޑިވިޝަނުގައި އޮތް 10 ކްލަބުން ވެސް ހާޒިރުވި އެވެ. އެއީ އެންމެ ފަހުގެ ދެ ވަނަ ޑިވިޝަނުން ޕްރޮމޯޓްވި ދެ ކްލަބް ވެސް ހިމަނައިގެންނެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމާ ބެހޭގޮތުން ކްލަބްތަކާ އެކު ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކްލަބްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެފްއޭއެމުން ކްލަބްތަކަށް ދޭން ހުރި ފައިސާ ދީފައި ނުވުމެވެ.
ކްލަބްތަކަށް ދޭން ހުރި ފައިސާ ނުލިބެނީސް، ސީޒަން ފެށޭނެ ގޮތެއް ކްލަބްތަކަށް ނެތެވެ. އެއް ވަނަ ޑިވިޝަނުގެ 10 ކްލަބްގެ ތެރެއިން 3 ކްލަބެއް ފިޔަވައި އަނެއް ހަތް ކްލަބް އޮތީ އާ ކުޅުންތެރިޔަކު ވެސް ސޮއި ނުކުރެވޭހާ ހާލުގައިކަން ކްލަބްތަކުން ފާހަގަ ކުރި އެވެ.
"މިހާލަތުގައި މި އަހަރު ސީޒަން ފެށުން ރަނގަޅު ނޫން ކަމަށް ގިނަ ކަލްބްތަކުން ދެކޭ،" ބައްދަލުވުމުގައި ބައިވެރިވި ކްލަބެއްގެ އޮފިޝަލް ބުންޏެވެ.
އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ ވެލެންސިއާ އަށް ވެސް ނޯމަލައިޒޭޝަން ކޮމިޓީން ދައުވަތު ދިނެވެ.
ވެލެންސިއާ ސަސްޕެންޑްކޮށްފައިވާކަން، ނޯމަލައިޒޭޝަން ކޮމިޓީ އަށް އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް، އަންގާފައި ނުވާކަން ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހްމަދު ޒުހޫރުގެ ވާހަކައިން އެނގޭ ކަމަށް "މިހާރު" އަށް މައުލޫމާތު ދިން އޮފިޝަލް ބުންޏެވެ.
"ހަގީގަތުގައި ޒުހޫރަށް އިންފޯމްކޮށްފައެއް ނެތް ވެލެންސިއާ އޮތީ ސަސްޕެންޝަނުގައި ކަމެއް،" އޮފިޝަލް ބުންޏެވެ.
ވެލެންސިއާ ސަސްޕެންޑްކޮށްފައިވާ އޮތް ގޮތް ބައްލަވާނެ ކަމަށް ވެސް ޒުހޫރު ވިދާޅުވިކަމަށް އޮފިޝަލް ބުންޏެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުން އިއްޔެ ހަވީރު ވަނީ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. "މިހާރު" އާ ވާހަކަ ދެއްކި އެ މިނިސްޓްރީގެ އޮފިޝަލް ބުނީ އެ ބައްދަލުވުމުން ގަޑިއެއްހާ އިރަށް ވުރެ އިތުރަށް ދެމިގެން ދިޔަ ކަމަށެވެ.
"އާންމުކޮށް އެސޯސިއޭޝަންތަކާ އެކު މިނިސްޓަރު ބާއްވާ ބައްދަލުވުން ދެމިގެންދަނީ ގާތްގަނޑަކަށް ގަޑިއެއްހާއިރަށް. އެކަމަކު ނޯމަލައިޒޭޝަން ކޮމިޓީގެ ބައްދަލުވުން ވަރަށް ބޮޑަށް ދިގު ދެމިގެން ދިޔަ،" ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލް ބުންޏެވެ.